ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުމަށް 24 ގަޑިއިރަށް ކުރިއަށްގެންދިޔަ ޚާއްސަ ދުވުން "ނޭޝެނަލް ޓޯޗް ރަން"ގައި 8959 މީހުން ބައިވެރިވެ، ރަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
"ނޭޝެނަލް ޓޯޗް ރަން" އަކީ ރާއްޖޭގައި ތަންފީޒުކުރަން ފަށާފައިވާ "ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ" އާއި ގުޅުވައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. 24 ގަޑިއިރަށް ކުރިއަށްގެންދިޔަ ނޭޝަނަލް ޓޯޗް ރަން އިއްޔެ ހަވީރު 4 އިން މިއަދު ހަވީރު 4 އަކާ ހަމައަށް ކުރިއަށްގެންދިޔައީ މާލޭ އެކުވެނި ޓްރެކުގައެވެ.
މި ހަރަކާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ އެތުލީޓުންނާއި ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
ނެޝެނަލް ޓޯޗް ރަންއަކީ، ޞީއްޙީ ވުޒާރާއިން އިސްނަގައިގެން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯ އަދި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދިޔަ ޚާއްސަ ހަރަކާތެކެވެ.
މިއީ ދުންފަތުގެ ނުރައްކާ އަންގައިދީ، ދުންފަތާ ދެކޮޅަށް މަސައްކަތް ކުރުމަށް އާންމުންނަށް ހިތްވަރުދީ ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދިޔަ މި ދުވުމަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




