ރައީސް ޑރ. މުހައްމަދު މުއިއްޒު، ޅ.ނައިފަރު ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ފަރުވާދެމުންދާ ބްލިސް ކެއަރ ކްލިނިކަށް ޒިޔާރަތްކުރައްވައިފި އެވެ.
އެ ކުލިނިކަށް ރައީސް ވަޑައިގެންނެވީ ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު އެވެ. މި ޒިޔާރަތުގައި ރައީސް ވަނީ އެތަނުގައި އެކި ކަހަލަ ފަރުވާ ހޯދަމުންދާ ކުދިންނާ ބައްދަލުކުރައްވައި، އެކުދިންނާއެކު ވަގުތުކޮޅެެއް ވެސް ހޭދަކުރައްވައިފައެވެ. އަދި އެ ކުދިންނަށް ކްލިނިކުގައި ދެމުންގެންދާ ފަރުވާގެ ތަފްސީލުތައް ހޯއްދެވި އެވެ. މީގެ އިތުރުން އަމިއްލަ ފަރާތަކުން އެހާ މުހިންމު މަސައްކަތެއް ކުރައްވަމުންގެންދަވާތީ އެކަން ފާހަގަކުރައްވައި އެ ތަނުގެ އިސްވެރިންނަށް ރައީސް ވަނީ ހިތްވަރުދެއްވާފަ އެވެ.
ބްލިސް ކެއަރ ފައުންޑޭޝަންގެ ދަށުން ހިންގާ، މި ކްލިނިކް ހުޅުވީ 2024 ވަނަ އަހަރުގެ ޖުލައިމަހުގަ އެވެ. މި ކްލިނިކުގައި ސްޕީޗް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ބިހޭވިއަރަލް ތެރަޕީ އަދި ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ގެ ހިދުމަތް ދެމުންގެންދެ އެވެ. މި ކްލިނިކްގައި 100 އަށް ވުރެ ގިނަ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ރަޖިސްޓްރީކޮށްފައިވާއިރު، ޖުމުލަ 16 ތެރަޕިސްޓުން ފަރުވާދިނުމުގައި ހަރަކާތްތެރިވެ އެވެ.
ނައިފަރުގައި ހުންނަ މި ކްލިނިކުން ޅ އަތޮޅުގެ އިތުރުން ނ އަތޮޅުން ވެސް ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ފަރުވާ ހޯދަން އަންނަ ކަމަށް ބްލިސް ކެއަރ ފައުންޑޭޝަނުން މައުލޫމާތުދެ އެވެ. ކްލިނިކް ހިންގާ ފައުންޑޭޝަނުން ބުނީ، އެތަނުގައި ފަރުވާ ހޯދާ ހުރިހާ ކުދިންނަކީ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީވެ، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ލިބޭ އެލަވަންސް ލިބޭ ކުދިންކަމަށެވެ. އެހެކަމުން ސަރުކާރުން އެކުދިންނަށް ދޭ އެހީތެރިކަން ކްލިނިކުން ވަނީ ފާހަގަކޮށްފަ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




