އަންނަ އަހަރުގެ ކުރީކޮޅު ލ. މާބައިދޫ ޞިއްޙީ މަރުކަޒުގެ ޚިދުމަތް ސައުވީސް ގަޑިއިރަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ލ. މާބައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ޞިއްޙީ މަރުކަޒުން ސައުވީސް ގަޑިއިރަށް ޚިދުމަތް ދިނުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރެއްވުމަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ ކަންކަން ހަމަޖެއްސެވުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވާނެކަމަށެވެ.
މާބައިދޫގައި މިއަދު ރަސްމީކޮށް ޢަމަލީ މަސައްކަތް ފެށުމަށް ނިންމާފައިވާ ބައެއް މަޝްރޫޢުތަކުގެ ރަސްމިއްޔާތު، ވިއްސާރަވުމުގެ ސަބަބުން ވަނީ ކެންސަލް ކުރައްވާފައެވެ. އޭގެ ތެރޭގައި ރަށުގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމްކުރުމާއި، ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ އިމާރާތުގެ ބިންގާ އެޅުމުގެ އިތުރުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުން ހިމެނެއެވެ. މީގެ އިތުރުން ރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފެށުމަށްވެސް މިއަދު އޮތީ ނިންމަވާފައެވެ. މި ރަސްމިއްޔާތުތައް ކުރިއަށް ނުގެންދެވުނު ނަމަވެސް މަޝްރޫޢުތައް ފަށައިގެން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ރައްޔިތުންނަށް ދެއްވިއެވެ.
ރަށުގެ ތަރައްޤީއަށް މުހިންމު އިތުރު މަޝްރޫޢުތައް ހުރިކަން ފާހަގަކުރައްވަމުން ރައީސް ވަނީ، ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް އަވަސް ޙައްލެއް ގެނައުމަށް އިތުރު ޖަނަރޭޓަރެއް ގެނެސް ކަރަންޓުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ. މީގެއިތުރުން ޕޮލިސް ސްޓޭޝަން ޤާއިމުކުރުމުގެ މަސައްކަތްވެސް މިއަހަރު ތެރޭގައި ފެށޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއަދު ސޮއިކުރި އަދި ޢަމަލީ މަސައްކަތް ފެށި ހުރިހާ މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް އޮތް އަހަރެއްގެ ތެރޭގައި ފައްޓަވައި، ބައެއް މަޝްރޫޢުތައް ފުރިހަމަވެގެންދާނެ ކަމަށާއި، އެމަނިކުފާނު މާބައިދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއް ފުއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




