ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާރިޗު މަހުގެ 28 ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް، މުޙައްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕުރޮގުރާމުގައި ވަހަކަދައްކަވަމުން ޒާހިދު ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް އީސީން މިހާރު ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ މާރިޗު މަހުގެ 28 ވަނަ ދުވަހު ކަމަށާއި، އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާނީ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.
މީގެ އިތުރުން މި ފަހަރުގެ އިންތިޚާބުގެ އިދާރީ މަސައްކަތްތަކަށް 270 ވަރަކަށް މުވައްޒަފުން ބޭނުންވާކަން ފާހަގަކުރައްވައި ޒާހިދު ވިދާޅުވީ އިންތިޚާބަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން ޒާހިދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި މި ފަހަރުގެ އިންތިޚާބަށް ކުރިމަތިލުމަށް ކަރުދާސް ފޯމު ހުށަހެޅުމުގެ ބަދަލުގައި، އެ މަރުހަލާ ކުރިއަށްގެންދާނީ އީސީގެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
އަދި، ކައުންސިލް އިންތިޚާބާ ދިމާކޮށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ރާއްޖޭގެ އާބާދީ ބޮޑެތި ސަރަހައްދުތަކަށް ބަލައިގެން 12 އަތޮޅެއް ހިމެނޭހެން 36 ރަށަކަށް ކޮމިޝަންގެ ޓީމްތައް ގޮސް، އަންނަ ނޮވެންބަރު އަދި ޑިސެންބަރު މަހުގެ ތެރޭގައި ސެޝަންތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް ޒާހިދު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




