މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) ގެ އިސްވެރިންނާއި، ރާއްޖެއަށް ޒިޔާރަތްކުރައްވާފައިވާ ޕްރޮފެސަރ ރަސޫލިމަނެޝްއާއެކު މުހިންމު ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުން ބޭއްވުނީ ޕްރޮފެސަރ ރަސޫލިމަނެޝް ރާއްޖެއަށް ކުރައްވަމުންގެންދަވާ އެކަޑެމިކް ދިރާސާ އަދި މަޢުލޫމާތު ހިއްސާކުރެއްވުމުގެ ދަތުރުފުޅުގެ ތެރެއިންނެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގައި މިއަދު ބޭއްވުނު މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތައް ދެނެގަތުމާއި، ފަތުރުވެރިކަން ތަރައްޤީކުރުމާއި ދިރާސާކުރުމާ ގުޅޭގޮތުން މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރުމެވެ.
މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިންނާއި، އައި.ޔޫ.އެމްގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރެއްކަމުގައިވާ ޕްރޮފެސަރ ރަސޫލިމަނެޝް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު ތަރައްޤީކުރުމަށް ކުރެވިދާނެ އިތުރު މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ފަތުރުވެރިކަމުގެ ދާއިރާގައި ކުރެވޭ ދިރާސާތައް އިތުރުކޮށް، އެ ދިރާސާތަކުގެ ނަތީޖާ ބޭނުންކޮށްގެން ސިޔާސަތުތައް އެކުލަވާލުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދެކެވިފައިވާއިރު، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް މުހިންމު ފިޔަވަޅެއްކަމަށް ބައިވެރިން ފާހަގަކުރެއްވިއެވެ. އަދި މުސްތަޤުބަލުގައި މިފަދަ ބައްދަލުވުންތައް އިތުރަށް ބޭއްވުމަށް ދެފަރާތުން އެއްބަސްވެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




