ޓްރާންސްނޭޝަނަލް ކުށްތަށް ހުއްޓުވުމަށް ޤައުމުތަކުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މެދުގައި ގާތް ގުޅުމެއް ބޭއްވުމަކީ މުހިންމު ކަމެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.
ސީޕީ މިހެން ވިދާޅުވީ ގަތަރުގެ ދޯހާގައި ބޭއްވި 2ވަނަ ސައިންޓިފިކް ސިމްޕޯޒިއަމްގައި ވާހަކަ ދައްކަވަމުންނެވެ.
މި ސިމްޕޯޒިއަމްގައި ވާހަކަ ދައްކަވަމުން ސީޕީ ނަވީން ވަނީ ޤާނޫނާ ޚިލާފު އުކުޅުތައް ބޭނުންކޮށްގެން އެއްތަނުން އަނެއްތަނަށް ދަތުރުކުރާ މީހުން ދެނެގަތުމުގައި ފުލުހުގެ ގާބިލުކަން އިތުރުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.
އެގޮތުން ޖިއޮގްރަފީގެ ގޮތުންނާއި އަލަށް ތައާރަފުވަމުންދާ ޓެކްނޮލޮޖީގެ ސަބަބުން ގާނޫނު ތަންފީޒުކުރުމުގައި ދިމާވަމުންދާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ސީޕީ ވަނީ އެ ގޮންޖެހުންތަކުން އަރައިގަތުމަށް ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
އަދި ސެކިޔުރިޓީއާ ގުޅުންހުރި ކަންކަމުގައި އިންޓަރޕޯލްއިން ރާއްޖޭގައި ޤާއިމުކޮށްދީފައިވާ ވަސީލަތްތަކުގެ އެހީގައި ރާއްޖެއިން ކުރާ މަސައްކަތްތަކުގެ ތަފްސީލުދެއްވައި، ޓްރާންސްނޭޝަނަލް ކުށްތަށް ހުއްޓުވުމަށް ގައުމުތަކުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މެދުގައި ގާތް ގުޅުމެއް ބޭއްވުމުގެ މުހިންމުކަން ސީޕީގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ޤާނޫނު ތަންފީޒުކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުން ހޯދުމާއި، އެ މުވައްޒަފުން ތަމްރީނުކުރުމުގައި މިންތީގެ ހަމަހަމަކަން ގާއިމްކުރުމާއި، މި މަސައްކަތަށް އަންހެން މުވައްޒަފުންގެ ފަރާތުން ލިބެމުންދާ ކުރިއެރުންތައް ސީޕީ ފާހަގަކުރެއްވިއެވެ. މި ސިމްޕޯޒިއަމްގައި އަރަބި ގިނަ ގައުމުތަކެއްގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ކަމާގުޅުންހުރި މުވައްޒަފުންނާއި، އިންޓަރޕޯލް އަދި ޔޫ.އެން.އޯ.ޑީ.ސީ.ގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ސިމްޕޯޒިއަމްގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ގަތަރު ޕޮލިސް އެކަޑަމީގެ އިސްވެރިނާ ބައްދަލުކުރައްވައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންސާނީ ވަސީލަތްތައް ފުޅާކުރުމަށް ދެ ގައުމުގެ ޕޮލިސް އެކެޑެމީ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
އެގޮތުން، ކޮމްޕްލެކްސް އިންވެސްޓިގޭޝަންގެ ދާއިރާތަކާއި، ފުލުހުންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ސީނިއަރ އޮފިސަރުން ތަމްރީނުކުރުމަށް ގަތަރު ޕޮލިސް އެކަޑަމީގައި ހުރި ފުރުސަތުތައް ދިވެހި ފުލުހުންނަށް ހޯދައިދިނުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދެވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންގެ މި ދަތުރުފުޅަކީ މި ސިމްޕޯޒިއަމްގައި ތަގުރީރު ކުރެއްވުމަށް އިންޓަރޕޯލްގެ ފަރާތުން ދެއްވެވި ދައުވަތަކަށް ކުރެއްވެވި ދަތުރުފުޅެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




