ސްކޭމްގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ބ. ކިހާދޫގައި ކުރިއަށް ގެންގޮސްފިއެވެ.
ކިހާދޫ ޕޮލިސް ޕޯސްޓުގެ ފަރާތުން މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހުއެވެ. މި ހަރަކާތުގެ މަގުސަދަކީ މިފަދަ ޖިނާއީ އަމަލުތަކުން ރައްކާތެރިވުމަށް ރައްޔިތުންނަށް މައުލޫމާތުދީ އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ.
މި ހަރަކާތުގެ ތެރެއިން ރަށުގެ އެކި ސަރަހައްދުތަކުން ރައްޔިތުންނާ ބައްދަލުކޮށް އަދި ފިހާރަތަކަށް ޒިޔާރަތްކޮށް ވެސް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، ފިހާރަތަކުގެ ކޭޝިއަރުންނަށް އަމާޒުކޮށްގެން ކުރެވޭ މަކަރާއި ހީލަތުގެ އަމަލުތަކުގެ މައުލޫމާތު ހިއްސާކޮށް އަދި މިފަދަ އަމަލުތަކުން ސަލާމަތްތެރިކަން އިތުރުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި، ސަމާލުކަން ދޭންޖެހޭ ކަންކަމުގެ މައްޗަށް އަލިއަޅުވައި މައުލޫމާތު ދީފައިވެއެވެ. އަދި ފައިސާގެ މުއާމަލާތްތަކާއި އެހެނިހެން މުހިންމު ކަންކަމުގައި އަބަދުވެސް ސަމާލުކަން ބެހެއްޓުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ. އަދި ފޯނަށް އަންނަ ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި އޯޓީޕީ ކޯޑާއި ކޭޝްކާޑުގެ މައުލޫމާތު ހިއްސާނުކުރުމަށާއި އޮންލައިން ވިޔަފާރިކުރާއިރު މަކަރާއި ހީލަތުގެ އަމަލެއް ހިނގިޔަ ނުދިނުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ނަސޭހަތްތެރިވެފައިވެއެވެ.
މި ހަރަކާތުގައި، އަމިއްލަ ނަފުސުގެ ރައްކާތެރިކަމާއެކު މުޖުތަމައުގެ ރައްކާތެރިކަން ދެމެހެއްޓުމަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމުގެ މައްޗަށް އިސްކަން ދެވުނެވެ. މަކަރާއި ހީލަތުގެ އަމަލުތައް އިތުރުވަމުންދާ މި ދުވަސްވަރުގައި، މިފަދަ ހޭލުންތެރިކަމުގެ ސެޝަންތަކަކީ ރައްޔިތުންނަށް ވަރަށް ބޮޑު އެހީތެރިކަމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




