މިއަހަރު ނިމުމުގެ ކުރިން މާލެ ސިޓީގައި މަދުވެގެން 3000 ހައުސިން ޔުނިޓްގެ މަޝްރޫއެއް ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ.
އެގޮތުން، ރައްޔިތުން ބޭނުންވާ ގޮތަށް، ހުރިހާ ދާއިރާއަކުން އެމަނިކުފާނު ވެފައިވާ ވަޢުދުތައް ފުއްދަވާނެކަމަށާއި މާލޭގެ އިތުރުން، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް އޮތް އެންމެ ބޮޑު، އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަން ފާހަގަކުރައްވާ ރައީސް ވަނީ، މިއަހަރުތެރޭ މާލެ ސަރަޙައްދުގައި 3000 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫއެއް ފަށްޓަވާނެކަން ހާމަކުރައްވާފައެވެ.
"ބޯހިޔާވަހިކަމުގެ ދާއިރާއަށް ބެލިނަމަވެސް މި ގެންދަނީ އަޅުަގަނޑު ވަޢުދުވިގޮތަށް ކަންތައް ފުއްދަމުން. ދާދިއަވަހަށް ހަމަ މިއަހަރުތެރޭގަ މާލޭގަ އެންމެ މަދުވެގެން 3000 ހައުސިން ޔުނިޓުގެ މަޝްރޫއެއް މާލެ ސިޓީގަ މިއަހަރު ނިމުމުގެ ކުރިން އަޅުގަނޑު ފަށާނަން" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގަތުމުގެ ކުރިން ރައްޔިތުންނަށް ލިބިފައިހުރި ގޯތިތަކާއި، ފްލެޓްތަކަށް އެއްވެސް ބަދަލެއް ގެނައުމެއްނެތި ދެމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ ދާއިރާއިން އަލަށް ފެށޭ މަޝްރޫޢުތަކުން މާލޭއާއި، އަތޮޅުތަކުގެ ރަށްރަށުގައި ހުރި އެފަދަ މައްސަލަތަކަށް ހައްލު ލިބިގެންދާނެކަމަށެވެ.
އަދި އެހެނިހެން ދާއިރާތަކުންވެސް ވެވަޑައިގެންނެވި ވަޢުދުތައް، ސަރުކާރުގެ ވުޒާރާތަކާއި، ކުންފުނިތަކާއި އަދި ރައްޔިތުންނާ ގުޅިގެން ފުއްދަވާނެކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ވަނީ ތަކުރާރުކުރައްވާފައެވެ. އެގޮތުން، ފައިސާ ޗާޕުނުކޮށް ބޭރުގެ ދަރަންޏާއި، އެތެރޭގެ ދަރަނިތައް ދައްކަމުންދާނެކަމަށާއި އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުތައް ހަނދާންހުރިކަމަށާއި، ކުރިއަށްއޮތްތަނުގައިވެސް ވަޢުދުތައް ފުއްދަވާނެކަމަށް ވިދާޅުވިއެވެ.
ދުވަސްތަކަކަށްފަހު ބޭއްވި ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި އެޕާޓީއާއި ސަރުކާރަށް ތާޢީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




