ރާއްޖޭގެ ރަށްރަށުގައި ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުންދާ މަސައްކަތުގެ ދަށުން، މިއަހަރުގެ މިހާތަނަށް ރާއްޖޭގެ 91 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.
ބީއެމްއެލްއިން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި މަޝްރޫޢުގެ ދަށުން ޤާއިމުކުރި 91 އޭޓީއެމް މެދުވެރިކޮށް މުޅިއެކު 313 މިލިއަން ރުފިޔާގެ މުޢާމަލާތް ކޮށްފައިވެއެވެ. މީގެ ތެރެއިން 145 މިލިއަން ރުފިޔާއަކީ އޭޓީއެމް މެދުވެރިކޮށް ޖަމާކޮށްފައިވާ ފައިސާގެ އަދަދެވެ. މި އޭޓީއެމްތައް މެދުވެރިކޮށް މިހާތަނަށް 122،000 އަށްވުރެ ގިނަ މުޢާމަލާތް ކޮށްފައިވާ ކަމަށް ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މާލޭގައި ދުވާލަކު 14,000 ޓްރާންސެކްޝަން ހަދައި 78 މިލިއަން ރުފިޔާ ދައުރުކުރާއިރު، އަތޮޅުތަކުގައި ދުވާލަކު 9,000 ޓްރާންސެކްޝަން ހަދައި 25 މިލިއަން ރުފިޔާ ދައުރުކުރެއެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފައިސާގެ މުއާމަލާތްތައް ފަސޭހަކޮށްދިނުމަށް ބީއެމްއެލްއިން ދޭ އަހައްމިއްޔަތު ހާމަވާ ކަމެކެވެ.
މާލެ ފިޔަވައި ބީއެމްއެލް އޭޓީއެމް ޤާއިމުކޮށްފައިވާ ރަށްތަކުގެ އަދަދު މިހާރު 187 އަށް އަރާފައިވާއިރު، ބީއެމްއެލްގެ އޭޓީއެމްތަކުގެ ޖުމްލަ އަދަދު މިވަނީ 246 އަށް އަރާފައެވެ. މިގޮތުން، އެންމެފަހުން ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށާފައިވަނީ ރ. އަތޮޅުގެ 9 ރަށެއްގައެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތްތައް ލުއިފަސޭހަކޮށް، މާލެއަށް ދަތުރުކުރުމުގެ ބުރަ ކުޑަކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




