ދިއްގަރުގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މުލަކައަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ދިއްގަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމްއެވެ. އެމްޓީސީސީގެ ފަރާތުން މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަހުމަދު ސައުދީއެވެ.
ރައީސް ދިއްގަރުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި މި މަޝްރޫޢުގެ ސަބަބުން ރަށުގެ ސިއްޙީ ނިޒާމު ވަރުގަދަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
"30 އެނދުގެ ހޮސްޕިޓަލެއް މިއީ. ހޮސްޕިޓަލުގެ ހުރިހާ ކަމެއް ފުރިހަމަވެގެންދާ ގޮތަށް، މިރަށުގެ ސިއްޙީ ޚިދުމަތް ދިނުމުގެ ނިޒާމު ވަރުގަދަވެގެންދާނެ. އިރާދަކުރެއްވިއްޔާ ވަރަށް އިސްކަން ދީގެން، ސަރުކާރުގެ އިދާރާތަކުން އިސްކަންދީގެން ވަރަށް އަވަހަށް މަސައްކަތް ކުރިއަށްދާނެ" ރައީސް ވިދާޅުވިއެވެ.
ދިއްގަރުގައި ތަރައްޤީކުރާ ހޮސްޕިޓަލުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 105.1 މިލިޔަން ރުފިޔާއަށެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




