ބިންވެރިޔާ ސްކީމްގެދަށުން ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް، އެ ބިންތަކުގެ ވެރިފަރާތްތަކާއި ޙަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިއީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ފިޔަވަޅެކެވެ.
ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ސާފުކޮށް، އިންވަކިކުރުމުގެ މަސައްކަތް ފަށާފައިވަނީ 3 ސެޕްޓެންބަރު 2025 ވަނަ ދުވަހުއެވެ. މި މަސައްކަތް ނިމުމަށްފަހު، މިހާރު މިވަނީ ގޯތިތައް ޙަވާލުކުރުމުގެ މަސައްކަތް ފެށިފައެވެ. މިކަމާއި ގުޅިގެން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެކްސްގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބިންވެރިޔާ ސްކީމްގެދަށުން ގުޅިފަޅުން ދޫކުރާ ގޯތިތައް، އޭގެ ވެރިފަރާތްތަކާ ޙަވާލުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.
އަދި މިވަގުތު ކޮންސްޓްރަކްޝަން ސައިޓުތަކުގެ ގޮތުގައި ބޭނުންކުރަމުންދާ ބިންތައް، އެ މަސައްކަތްތައް ނިމި، ކޮންޓްރެކްޓަރުން އެ ތަންތަން ހުސްކުރުމުން ޙަވާލުކުރެވޭނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މި މަސައްކަތުގެ ސަބަބުން ގިނަ ބަޔަކަށް ދިގު އިންތިޒާރަކަށްފަހު، އެމީހުންގެ އަމިއްލަ ބޯހިޔާވަހިކަން ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




