ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ޕާކިސްތާނުގެ ވަގުތީ ރައީސް، ޔޫސުފް ރަޒާ ގިލާނީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ޒިޔާރަތަކީ ޕާކިސްތާނުގެ ވެރިރަށް، އިސްލާމްއާބާދަށް މަޖިލީހުގެ ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ. ޕާކިސްތާނުގެ ވަގުތީ ރައީސްގެ ގޮތުގައި މިހާރު ހުންނެވި ޔޫސުފް ރަޒާ ގިލާނީއަކީ އެ ޤައުމުގެ ސެނެޓުގެ ޗެއަރމަނެވެ. ރައީސްގެ ހުރިހާ ބާރުތަކަކާ އޭނާ ހަވާލުވީ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ ޗައިނާއަށް ދަތުރުފުޅެއް ކުރައްވަމުން ގެންދަވާތީއެވެ.
މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދުގައިވާ ޒަމާންވީ އެކުވެރިގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވާފައެވެ. އަދި އެކި ދާއިރާތަކުން، ޚާއްޞަކޮށް ތަޢުލީމާއި ޞިއްޙީ ދާއިރާއާއި ވިޔަފާރީގެ ރޮގުން ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ޕާކިސްތާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވައި، މަޖިލީހުގެ އިމާރާތަކީ ދެ ޤައުމުގެ ވަރުގަދަ ގުޅުމުގެ ރަމްޒެއްގެ ގޮތުގައި މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




