ދިވެހި ވަޠަނީ ޚިދުމަތުގެ ޕުރޮގުރާމް އިރާދަކުރެއްވިއްޔާ ވެގެންދާނީ ދިވެހި މުޖުތަމަޢަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ސިޔާސަތަކަށް ކަމުގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން މި ޕުރޮގުރާމު ވެގެންދާނީ ޤައުމީ ތަރައްޤީއަށް މަސައްކަތްކުރާނެ އިޚްލާޞްތެރި ޖީލެއް އުފެދުމުގެ އާ ފެށުމަކަށް އަދި މިނިވަންކަމުގެ ފަލަ ރަތް ރޮނގު އިތުރަށް ފަވާލެވޭ ފަވާލެވުމަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދިވެހި ވަޠަނީ ޚިދުމަތަށް ކުރިމަތިލުމަށް މިއަހަރަށް ހުޅުވާލުމުން ކުރިމަތިލި 1242 ޒުވާނުންގެ ތެރެއިން، ފުރަތަމަ ބުރުގެ ސިލެކްޝަން ޕްރޮސެސް ގައި ހޮވުނު 343 ޒުވާނުން ބުދަ ދުވަހު ވަނީ ތަމްރީނަށް ފުރައިފައެވެ. މީގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ 107 ރަށަކުން، ޢުމުރުން 16 އަހަރާއި 29 އަހަރާ ދެމެދުގެ 64 އަންހެން އަދި 279 ފިރިހެން ޒުވާނުންނެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ މަގުސަދުތަކަކީ ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކުރުމާއި، ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކޮށް ތަރައްޤީކުރުމާއި، ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމާއި އަދި ނޭޝަނަލް ސަރވިސްގެ ތެރެއިން ސަލާމަތީ ޚިދުމަތްތަކަށް މީހުން ރެކްރޫޓްކުރެވޭނެ މަގުފަހިކޮށްދިނުމާއި، ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އިޙުތިރާމު ކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުމުގެ އިތުރުން ދިވެހި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ބައްޓަންކުރުން އަދި ދިވެހި ޒުވާނުންނަކީ ރޫހާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް ހެދުމެވެ.
ޤައުމު ދެކެ ލޯބިވާ ޒިންމާދާރު ހަރުދަނާ ޖީލެއް ބިނާކުރެއްވުމަށްޓަކައި، ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމު ކުރިއަށް ގެންދަވާނޭކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވީ މިދިޔަ އަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުއްވައިދެއްވުމަށް އިއްވެވި ރިޔާސީ ބަޔާނުގައި، އެ ޕްރޮގްރާމު ޢަމަލީގޮތުން މިއަހަރު ހިންގަވަން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




