ފުލުހުންގެ ޚިދުމަތުގައި އަންހެނުން އަދާކުރާ ދައުރާއި ވަމުންދާ ގުރުބާނީއާމެދު ފަހުރުވެރިވެވަޑައިގަންނަވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.
ސީޕީ މިހެން ވިދާޅުވީ، މޯލްޑިވްސް ވިމަން އިން ޕޮލިސިންގ ދުވަހާ ގުޅިގެން ދެއްވި ޚާއްސަ މެސެޖެއްގައެވެ.
އެގޮތުން، ސީޕީގެ މެސެޖުގައި، މިއަދު ފާހަގަކުރަމުންދާ މޯލްޑިވްސް ވިމަން އިން ޕޮލިސިންގ ދުވަހު، ދިވެހި ފުލުހުންގެ ޚިދުމަތުގައި އަންހެނުން އަދާކުރާ ދައުރާއި ވަމުންދާ ގުރުބާނީ ފަހުރުވެރިކަމާއެކު ފާހަގަކުރަެްވާކަމަށާއި އެކަނބަލުންގެ އިހުލާސްތެރިކަމާއި، ހިތްވަރާއި، ޕްރޮފެޝަނަލްކަން އަޅުގަނޑުމެންގެ މުއައްސަސާ ހަރުދަނާކޮށް ކުރިއަރުވައި، އަދި މުޖުތަމައަށް ފޯރުކޮށްދެމުންދާ ހިދުމަތުގައި މުހިންމު ދައުރެއް އާދަކުރާކަމަށް ވިދާޅުވެފައިވެއެވެ.
"ފުލުހުންގެ ޚިދުމަތުގެ ހުރިހާ ދާއިރާއެއްގައިވެސް މުހިންމު ދައުރެއް އަންހެނުން އަދާކުރާއިރު، ފްރަންޓްލައިން ޑިއުޓީތަކުން ފެށިގެން ލީޑަރޝިޕާ ހަމައަށް، މުޖުތަމައާ ގުޅުން ބަދަހިކުރުމުން ފެށިގެން ހާއްސަ ތަހުގީގުތަކާ ހަމައަށް ބެލިކަމުގައިވިޔަސް އެކަން ފެނިގެންދެއެވެ. ހަމައެއާއެކު، އަންހެނުން ފުލުހުންގެ ޚިދުމަތުގައި ދެމިތިބުމަކީ މި ހިދުމަތުގައި އަންހެނުން އަދާކުރަމުންދާ ދައުރަށް އިހުތިރާމްކޮށް، އަންހެނުން ބާރުވެރިކޮށް، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް ދައްކުވައިދޭކަމެކެވެ" ސިޕީގެ މެސެޖުގައި ބަޔާންކޮށްފައިވެއެވެ.
"މި މުނާސަބާ ފާހަގަކުރަމުންދާއިރު، ހަމަހަމަ ފުރުސަތުތައް ފޯރުކޮށްދިނުމަށާއި، އަންހެން އޮފިސަރުން ބާރުވެރިކުރުވުމަށާއި، އަދި ލީޑަރުންނާއި ރޯލް މޮޑެލުންގެ ގޮތުގައި އެ ކަނބަލުންގެ ކުރިއެރުމަށް އެހީތެރިވެދިނުމަށް އަޒުމު އައުކުރަމެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ކާމިޔާބީ ބިނާވެފައިވަނީ ހިދުމަތުގައި މަސައްކަތްކުރައްވާ ހުރިހާ މުވައްޒަފުންގެ މައްޗަށްކަމަށްވާއިރު، ރައްކާތެރިކަމާއި އަދުލު އިންސާފާއި ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސާއަކަށް ހެދުމުގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ކަނބަލުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންނުކުރެވޭހާ ބޮޑެވެ" ސިޕީގެ މެސެޖުގައި ބަޔާންކޮށްފައިވެއެވެ..
.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




