މީޑިއާ ބިލުގެ ދަށުން ރެގިއުލޭޓްކުރާނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކުން ހިންގާ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކް ޕޭޖު، ޓިކްޓޮކް، އިންސްޓަގްރާމް އެކައުންޓް، ޓެލެގްރާމް ޕޭޖު، ވައިބާ ޕޭޖު، މިފަދަ ހުރިހާ ޕްލެޓްފޯމެއްކަމަށް ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަޙީދު ވިދާޅުވެއްޖެއެވެ.
މީޑިއާ ބިލާ ގުޅޭ މައުލޫމާތުދިނުމަށް މީރުމާގައި ރޭ ބޭއްވި "ނޫސްވެރިންގެ ފޯރަމް"ގައި ވާހަކަދައްކަވަމުން ވަޒީރު އެހެން ވިދާޅުވެފައި މިވަނީ، މީޑިއާތަކާއި ނޫސްވެރިންނާއި ސޯޝަލް މީޑިއަގައި ޝާއިއުކުރާ ހިޔާލުތަކަށް ފިޔަަވަޅު އެޅޭގޮތަށް ބިލުގައި ހިމަނާފައިވުމުން ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.
"ސޯޝަލް މީޑިއާގައި ކޮންޓެންޓް ހަދާ ޒުވާނުންނަށް، ފަރާތްތަކަށް މި ބިލު އެޕްލައި ނުވާނެ. މި ބިލު އެޕްލައިވާނީ ނޫހުުގެ ދަށުން ހިންގާ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކް ޕޭޖު، ޓިކްޓޮކް، އިންސްޓަގްރާމް އެކައުންޓް، ޓެލެގްރާމް ޕޭޖު، ވައިބާ ޕޭޖު، މި ހުރިހާ ޕްލެޓްފޯމަކަށް އެޕްލައިވާނެ. އެބޭފުޅުން ހަބަރު ފެތުރުމުގައި ޒިންމާދާރުވާން ޖެހޭނެ. އެބޭފުޅުން ފަތުރާ ހަބަރަށް އެބޭފުޅުން ޒިންމާވާން ޖެހޭނެ،" ވަޒީރު ވިދާޅުވިއެވެ.
"ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް އަޅުގަނޑު މިދެނީ ޔަގީންކަން މި ބިލު އެޕްލައިވާނީ ރެޖިސްޓާޑް މީޑިއާތަކަށް އެކަނި. މިއީކީ ތިބޭފުޅުންނާ ބެހޭ ކަމެއް ނޫން. ބައެއް ބޭފުޅުން، މިއަށް ތިބޭފުޅުން އެޕްލައިކުރައްވަން އެބައުޅުއްވާ. އެއްގޮތަކަށް ވެސް ޖެހިވަޑައިނުގަންނަވާތި. މިއީ ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނާ ބެހޭ ބިލެއް ނޫން. މިއީ ރާއްޖޭގެ މީޑިއާތައް ރެގިއުލޭޓްކުރުމަށްޓަކައި ހަދާ ބިލެއް،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ މީޑިއާ ބިލާ މެދު އެކި ނޫސްވެރިން ޚިޔާލު ތަފާތުވި ނަމަވެސް، އެއްވެސް މީހެއްގެ ކަރާމާތަށް އަރައިގަތުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ބިލާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ވާހަކަދައްކައިގެން މަޝްވަރާކޮށްގެން ބިލަށް ލިބޭ ކޮންމެ ހައްލެއްގެ ފައިދާކުރާނީ ނޫސްވެރިންނަށާއި ރައްޔިތުންނަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




