ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓު ހަވާލުކުރަން ފެށުމަށް ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު ހުޅުވާލުމާއެކު، 588 މީހުން ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލު ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް މަޢުލޫމާތުދެއްވަމުން އެ ކޯޕަރޭޝަނުން ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު އެއްބަސްވުމުގައި މިހާތަނަށް 3،000 އަށްވުރެ ގިނަ މީހުން ސޮއިކޮށް، 588 މީހުން ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާކަމަށެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލު ވިދާޅުވީ މިހާތަނަށް 3،131 އެއްބަސްވުމެއްގައި ސޮއިކުރަން ތާވަލުކޮށްފައިވާ ކަމަށާއި އަދި 3،119 އެއްބަސްވުމެއްގައި ސޮއިކޮށް ނިމިފައިވާކަމަށެވެ. އަދި 588 މީހަކު ސެކިއުރިޓީ ޑިޕޮސިޓާއި، މެއިންޓަނެންސް ފީ ދައްކާފައިވާކަމަށްވެސް ހަމްދާން ވިދާޅުވިއެވެ. މި ފީ ދެއްކުމަށް ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވެއެވެ.
2 ކުންފުންޏަކާ ހަވާލުކޮށްގެން އެފްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދަނީ ދެ ކޮޓަރީގެ ފްލެޓާއި ތިން ކޮޓަރީގެ ފްލެޓުތަކެކެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރަނީ 7،000 ރުފިޔާއަށެވެ. އެ ތަންތަނުގެ މެއިންޓަނެންސް ފީގެ ގޮތުގައި 1،000 ރުފިޔާ އަދި ސެކިއުރިޓީ ޑިޕޮސިޓް ފީގެ ގޮތުގައި 15،000 ރުފިޔާ ދައްކަންޖެހެއެވެ. އަދި ތިން ކޮޓަރީގެ ތަންތަން 9،500 ރުފިޔާއަށް ދޫކުރަން ނިންމަވާފައިވާއިރު، އެ ތަންތަނަށް މެއިންޓެނަންސް ފީގެ ގޮތުގައި 1،500 ރުފިޔާ އަދި ސެކިއުރިޓީ ޑިޕޮސިޓް ފީގެ ގޮތުގައި 25،000 ރުފިޔާ ދައްކަންޖެހެއެވެ.
4،000 ފްލެޓު ތަރައްޤީކުރުމުގެ މަޝްރޫޢުގައި ހިމެނެނީ އަމާން ހިޔާގެ 6 ޓަވަރާއި އަމާން ދޯދީގެ 6 ޓަވަރެވެ. އޭގެތެރޭގައި 3 ކޮޓަރީގެ އެޕާޓްމަންޓަކީ 2800 ހައުސިން ޔުނިޓެވެ. މި އެޕާޓްމަންޓްތައް ހަވާލުކުރަނީ ފިނިޝިން މަސައްކަތްތައް ނިންމުމަށްފަހުއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




