ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ގަސްގަހާގެހި ގިނަކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ "5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު" ކުރިއަށްގެންދާ އޮފިޝަލުން، މި މަޝްރޫޢުގެ ދަށުން ގަސް އިންދުމުގެ ލަސްތަކާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ މަގްސަދު ހާސިލްކުރުމަށްޓަކައި އެމް.އޭ.ސީ.އެލްގެ އެހީތެރިކަން ހޯދޭނެ ގޮތްތަކާއި، ޚާއްސަކޮށް އެ ކުންފުނީގެ ދަށުން ހިންގާ ސަރަހައްދުތަކުގައި ގަސް އިންދުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. މީގެ އިތުރުން، މަޝްރޫޢުގެ މަސައްކަތްތަކަށް ބޭނުންވާ ލޮޖިސްޓިކްސް އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގޮތުން ވެސް ވާހަކަ ދެކެވުނެވެ.
"5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު" އަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްގެ ދަށުން ފަށާފައިވާ ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން މުޅި ރާއްޖެއިން 5 މިލިއަން ގަސް އިންދުމަށް ވަނީ އަމާޒު ހިފާފައެވެ. ގައުމީ މި މަޝްރޫޢަށް އެމް.އޭ.ސީ.އެލް ފަދަ ބޮޑެތި ކުންފުނިތަކުގެ އެހީތެރިކަން ލިބުމަކީ މަޝްރޫޢު ކާމިޔާބު ކުރުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ.
މި ބައްދަލުވުމުގެ ސަބަބުން މި މަޝްރޫޢުގެ މަސައްކަތްތައް އިތުރަށް ހަލުވިވެ، ރާއްޖޭގެ ތިމާވެއްޓަށް ފައިދާ ކުރަނިވި ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




