ބ. ދޮންފަނު ރައްޔިތުންގެ އެދުމުގެ މަތިން، އެރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ސަރުކާރުން ކުރިއަށް ނުގެންދަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އެމަނިކުފާނުގެ އެކްސް އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން، އެމަނިކުފާނު ރަށްރަށުގައި ކުރާނެ ކަންކަމާބެހޭ ވަޢުދު ވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދިގެންކަމަށާއި ރަށްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ, ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ސަރުކާރެއް" ރައީސް ވިދާޅުވެފައިވެއެވެ.
އަޅުގަނޑު ރަށްރަށުގައި ކުރާނެ ކަންކަމާބެހޭ ވަޢުދު ވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދިގެން. ރަށްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ. މީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ , ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ސަރުކާރެއް.…
— Dr Mohamed Muizzu (@MMuizzu) September 9, 2025
ރަށްރަށުގައި ކުރާނެ ކަންކަމާއި ބެހޭ ވަޢުދުވެވަޑައިގަންނަވަނީ އެރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަށް އެދުމުންކަމަށެވެ. އެގޮތުން ބ.ދޮންފަނުގައިވެސް ބިން ހިއްކުމުގެ މަޝްރޫޢެއް ހިންގުމަށް ވަޢުދުވެވަޑައިގެންނެވީވެސް އެރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ. ނަމަވެސް އެގްރީމަންޓް އެކުލަވާލި ފަހުން ރައްޔިތުން އެކަން މިހާރު ބޭނުން ނުވާކަމަށް އެމަނިކުފާނަށް މަޢުލޫމާތު ލިބިވަޑައިގެންފައިވާތީ އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ނުގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ރަސްމީކޮށް ސިޓީއަކުން އަންގަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




