އަތޮޅުތައް އުވާލަނީކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއްކަމަށް ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމްޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން، ސަރުކާރުން އަތޮޅު އުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮންނަ ކައުންސިލެއް ނޫންކަމަށާއި އެހެންވެ ޤާނޫނު އަސާސީއަށް އިސްލާޙު ގެނެސް އަތޮޅު ކައުންސިލް އުވާލުމަށް ނިންމަވާފައިވާކަމަށެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ސަރުކާރުގެ ވިސްނުމަކީ އަތޮޅުތައް އެއްކޮށް އުވާލުންކަމަށް ތުހުމަތުކޮށްފައިވާތީ، މިވާހަކަތަކާ ގުޅޭގޮތުން މައުލުމާތު ދެއްވަމުން ވަޒީރު ވިދާޅުވީ އެއީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށާއި އެއީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމު ފެށިގެންއައިރު އެމްޑީޕީގެ ވެރިކަމުގައި ޕްރޮވިންސްތައް ހެދުމުގެ ނަތީޖާއަކަށްވީ ނިޒާމުގެ ތެރެެއަށް ލޭޔާއެއް އިތުރުވެ، އެކި ކަންކަމުގައި މާލެއަށް ބަރޯސާވުން ބޮޑުވުން ކަމަށާއި އެހެންވެ، އަތޮޅު ކައުންސިލް އޮންނަންޖެހޭ ގޮތް ބަދަލުކޮށް، ކޮންމެ ރަށަކުން އެރަށެއްގެ ތަރައްގީއަށް އިންތިޚާބުކުރާ ކައުންސިލަރުން އަތޮޅު ކައުންސިލްގައިވެސް ހިމެނުމަކީ އެ ކައުންސިލަރުންގެ ޒިންމާ އިތުރުވާ ކަމެއް ކަމަށާއި އެއީ ޤާނޫނާވެސް ފުށުއަރާ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މީގެ އިތުރުން، އަތޮޅު ކައުންސިލްތަކުން ރަށްރަށަށް އިދާރީ ގޮތުން ދޭންޖެހޭ އެހީތެރިކަމެއް ފިޔަވައި ކުރަން މާބޮޑު ކަމެއް ނޯންނަ ކަމަށާއި އެއީވެސް ލާމަރުކަޒީ ނިޒާމަށް އިތުރުވާ ލޭޔަރެއްކަމަށާއި ސަރުކާރުން ބޭނުންވަނީ މިހާރު އަތޮޅު ކައުންސިލް އޮންނަ ގޮތް ބަދަލުކުރެއްވުމަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަމުން ގެންދެވީ މިހާރު އެ އޮތް ކޮމްޕޮޒިޝަން އެ އޮތްގޮތަށް އަތޮޅު ކައުންސިލްތައް ނޯންނާނެ ވާހަކަ. އެހެންނަމަވެސް އެނގިވަޑައިގަންނަވާނެ ފަދައިން ގުދުރަތީގޮތުންވެސް ރާއްޖޭގެ އަތޮޅުތައް އުފެދިފައި އޮތްގޮތުންނާއި އޭގެ ޒާތުގައި މަސައްކަތް ކުރެވިގެންދާ ތަރުތީބުތަކަށް ބަލާއިރުގައިވެސް ކޮންމެ އަތޮޅެއްގައިވެސް އިދާރީގޮތުން ކުރެވޭ މަސައްކަތްތައް ކޮންމެވެސް ސިފައެއްގައި އިންތިޒާމް ކޮށްގެން ހިނގާނެ ގޮތްތަކެއް ރޭވިގެންދާނެ،" ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.
ވުޒާރާތަކުގައި ޕަރމަނަންޓް ސެކްރެޓަރީން ތިއްބަވާގޮތަށް ޢިލްމީ ގާބިލު ބޭފުޅުން އަތޮޅުތަކުގެ އިދާރީ މަސައްކަތް ކުރުމުގައި ތިބެންޖެހޭ ކަމަށް އަމިއްލަފުޅަށް ގަބޫލުކުރައްވާ ކަމަށާއި މި ބޭފުޅުން އައްޔަން ކުރަންވާނީ ސިވިލް ސަރވިސްގެ ތެރެއިން ކަމަށާއި އެ ބޭފުޅަކު ނެރޭ ނަތީޖާއަށް ބަލައި ފަސް އަހަރަށްވުރެ ދިގު މުއްދަތަކަށްވެސް އައްޔަން ކުރައްވަން ފެނިވަޑައިގަންނަވާ ކަމަށް ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




