އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސްއެލް)ގެ އައު އޮފީސް އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.
އެކުންފުނީގެ ތާރީޚުގައި މުހިންމު މަރުހަލާއެއް ފަށައިގަތުމުގެ ގޮތުން ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީންއެވެ.
މި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދުގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ އިސް ވެރިންނާއި ބޯޑު މެމްބަރުން ބައިވެރިވެވަޑައިގަތެވެ.
އައިލެންޑް އޭވިއޭޝަނުން ފާހަގަކުރެއްވި ގޮތުގައި މިއީ 25 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ނިމުން އައި ދުވަހެކެވެ. މިހާރު ކުންފުނީގެ އެކި ޑިޕާޓްމަންޓުތައް މާލޭގެ 5 އިމާރާތެއްގައި ހިންގަމުންދާތީ، ކުލީގެ ގޮތުގައި ބޮޑު ޚަރަދެއް ކުރަންޖެހޭކަން ވެސް ފާހަގަކުރެއްވިއެވެ.
ޗައިނާގެ ހުނާން ނަންބަރ 6 އިންޖިނިއަރިންގ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްދާ މި މަޝްރޫޢުގެ ދަށުން އެޅޭ އިމާރާތުގެ ބިމުގެ ބޮޑުމިނަކީ 4745 އަކަފޫޓެވެ. ބޭސްމަންޓް ހިމެނޭގޮތަށް 12 ފަންގިފިލާ ހިމެނޭ މި އިމާރާތުގެ ބޭސްމަންޓް ޚާއްސަކުރެވިފައިވަނީ މުވައްޒަފުންގެ ޕާކިންގއަށެވެ. އަދި ފުރަތަމަ ފަންގިފިލާގައި ޓިކެޓް އޮފީހެއް ޤާއިމްކުރެވިގެންދާނެއެވެ.
ޒަމާނީ ފެންވަރުގެ ވަސީލަތްތައް ޤާއިމްކުރެވި ޖާގައިގެ ގޮތުން ތަނަވަސް އިމާރާތަކަށް މި އިމާރާތް ވެގެންދާނެކަމަށާއި، އަމާޒަކީ މިއަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން މި އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާލުންކަމަށް އެކުންފުނިން ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




