ސްކޫލްތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަނުން މެލޭޝިއާ އަދި ބެންކޮކަށް ޚާއްޞަ ދަތުރުތަކެއް ބޭއްވުމަށް ނިންމައިފިއެވެ.
ޤައުމީ އެއަރލައިން މޯލްޑިވިއަނުން ބުނީ، މެލޭޝިއާގެ ކުއަލަލަންޕޫރު އަދި ތައިލޭންޑުގެ ބެންކޮކަށް މިއަހަރުގެ ޑިސެމްބަރުމަހު އަދި ކުރިއަށް އޮތް ޖަނަވަރީ މަހު ބާއްވާ ޚާއްސަ ދަތުރުތަކަށް ޓިކެޓު ބުކް ކުރުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މެލޭޝިއާގެ ކުއަލަލަންޕޫރަށް ދެކޮޅު ދަތުރުގެ އަގަކީ 355 ޑޮލަރެވެ. އަދި ބެންކޮކަށް ދެކޮޅު ދަތުރުގެ އަގަކީ 399 ޑޮލަރެވެ.
މެލޭޝިއާއަށް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ 21 ޑިސެމްބަރުން ޖަނައަރީ 11އަށް، ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުއެވެ. އަދި ބެންކޮކަށް ދަތުރުތައް ބޭއްވުމަށް ހަމެހިފައިވަނީ ޑިސެމްބަރު 23 އިން ޖަނަވަރީ 13އަށް ކޮންމެ ހަފްތާއެއްގެ އަންގާރަދުވަހުއެވެ.
މޯލްޑިވިއަނުން މީގެ ކުރިންވެސް ރާއްޖެއާއި މެލޭޝިއާއި ދެމެދު ޚާއްޞަ އަދި ސީޒަނަލް ދަތުރުތަކެއް ބާއްވާފައިވެއެވެ. އަދި މި ދަތުރުތަކުގެ ސަބަބުން މެލޭޝިއާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ފުރުސަތުތަކެއް ފަހިވެގެންދެއެވެ.
ޓިކެޓު ބުކް ކުރުމަށް މޯލްޑިވިއަންގެ ވެބްސައިޓު އަދި މޯބައިލް އެޕް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ ކަމަށާއި، އިތުރު މައުލޫމާތު ހޯދުމަށް 24 ގަޑިއިރު ޚިދުމަތްދޭ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




