މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ”މަލްޓި ސްޕެޝަލިޓީ ކޭމްޕް“ ރ. އުނގޫފާރު ހޮސްޕިޓަލުގައި ފަށައިފިއެވެ.
މި ކޭމްޕަކީ އަތޮޅުތަކުގެ ރައްޔިތުންނަށް ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކުން ފަސޭހަކުރުމަށް ހޯމް މިނިސްޓްރީން ކުރިއަށްގެންދާ ޚާއްސަ އައުޓްރީޗް ޕްރޮގްރާމްގެ ދަށުން ހިންގާ ކޭމްޕެކެވެ.
މި ކޭމްޕްގައި ސިކުނޑިއާއި ނާރުގެ ބަލިތަކާއި، ގޮހޮރުގެ ބަލިތަކާއި، ކެންސަރު ބައްޔާއި، ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި، ޕްލާސްޓިކް އަދި ރީކޮންސްޓްރަކްޝަން، އާއްމު އޮޕަރޭޝަންތަކުގެ ޚާއްސަ ޑޮކްޓަރުންގެ އިތުރުން ލެޕްރޮސްކޮޕިކް ސަރޖަރީ އަދި ނުފިލާ ހުންނަ ތަދުތަކަށް ފަރުވާދޭ ޚާއްސަ ޑޮކްޓަރުން ހިމެނެއެވެ.
މި މަހުގެ 5 އިން 8 އަށް ކުރިއަށްދާ މި ކޭމްޕްގައި ޑޮކްޓަރަށް ދެއްކުމާއި އެކި ސަރޖަރީތައް ކުރުމަށް ވަނީ ތާވަލުކޮށްފައެވެ. މިއީ އާންމުކޮށް އަތޮޅުތަކުގައި ލިބެން ނުހުންނަ ސްޕެޝަލިސްޓް ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދަށުން އުނގޫފާރު ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންނަށް، ކޭމްޕްގައި ބައިވެރިވާ ޑޮކްޓަރުންގެ ޓީމާއެކު ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ހޮސްޕިޓަލުގެ ކްލިނިކަލް މަސައްކަތްތައް ކުރިއަށްދާގޮތް ބަލައި، ކެޕޭސިޓީ އެސެސްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.
މީގެ ކުރިން މިފަދަ އައުޓްރީޗް ކޭމްޕްތައް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ލ. އަތޮޅު ގަމު ހޮސްޕިޓަލުގައިވެސް ވަނީ ބޭއްވިފައެވެ. އަދި ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ޓެލެމެޑިސިންގެ ޚިދުމަތް މެދުވެރިކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ ޕައިލެޓް ޕްރޮގްރާމެއް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ފ. އަތޮޅު ހޮސްޕިޓަލުގައި މިހާރު ވަނީ ފަށާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




