ޣާޒީ ބަންޑާރައިންގެ އަސަރުތައް ޙިމާޔަތްކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު ދޮރޯށީގެ ބިންގާ މިއަދު އަޅައިފިއެވެ.
އެ ދޮރޯށީގެ ބިންގާ އަޅާފައި ވަނީ ޤައުމީ ދުވަސް ފާހަގަކުރެއްވުމަށް ހއ. އުތީމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމެވެ.
އެ ދޮރާށި ފަރުމާކޮށްފައި ވަނީ އިސްލާމް ދީން އިޔާދަކުރެއްވުމާއި ދިވެހިންގެ ސަގާފަތާއި މިނިވަންކަން ރަމްޒްކޮށްދޭ ގޮތަށެވެ.
އެގޮތުން ރޭގަނޑަށް ދިއްލޭގޮތަށް ފަރުމާކޮށްފައިވާ 6 ބައްތިން ރަމްޒުކޮށްދެނީ ކަޅުއޮށްފުންމީގެ 6 ބަޠަލުން ދިވެހި ޤައުމަށް ކުރެއްވި ޚިދުމަތްތަކުގެ ފަނޑުވުމެއްނެތް ހަނދާންތަކެވެ.
ބޮޑުތަކުރުފާނުގެ އުފަން ރަށް ހއ. އުތީމާއި އެ ރަށާ ކައިރީގައި އޮންނަ ބާރަށާއި ތަކަންދޫގައި ރާއްޖެ މިނިވަންކޮށްދެއްވުމަށް އެ ތަކުރުފާނު ކުރެއްވި ޖިހާދާ ގުޅިފައިވާ ވަރަށް ގިނަ އާސާރުތަކާއި ތަރިކަތައް ހުރެއެވެ.
ދިވެހިރާއްޖޭގެ ތަރިކަ ރައްކާތެރި ކުރުމަކީ މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރަމުން އަންނަ މަސައްކަތެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




