އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާ ގުޅިގެން "އެކު އެކީ" ނަމުގައި ގެވެށި އަދި ޖިންސީ އަނިޔާ ހުއްޓުވުމަށާއި، ހަމަހަމަ އުސޫލުތައް ގެންގުޅުމާއި، މުޖުތަމަޢުގައި ހޮޔޮ ބަދަލުތައް ގެނައުމާއި ގުޅޭ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ޒުވާނުންނަށް ހުޅުވާލައިފިއެވެ.
އޮގަސްޓް 24 އިން 28 އަށް ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ 5 ދުވަހުގެ ތަމްރީނު ޕްރޮގްރާމުގައި، ހދ.ހަނިމާދޫ، ކުމުންދޫ، ވައިކަރަދޫ އަދި ކުޅުދުއްފުށި ސިޓީގެ ޒުވާނުންނަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން، މި ރަށްތަކުގެ ޒުވާނުންގެ ތެރެއިން އުމުރުން 18 އަހަރާއި 25 އަހަރުގެ އުމުރުފުރާގެ ކޮންމެ ފަރާތަކަށްވެސް މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހެޅޭނެ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.
މި ޕްރޮގްރާމުގެ ތެރެއިން، ބައިވެރިންނަށް އެމީހުންގެ މުޖުތަމަޢުތަކުގައި އެދެވޭ ބަދަލުތަކެއް ގެނައުމަށް ބޭނުންވާ މުހިންމު ހުނަރުތަކާއި މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ. ހަމައެހެންމެ، މި ޕްރޮގްރާމް ވެގެންދާނީ މިންތީގެ ހަމަހަމަކަމާއި، މުޖުތަމަޢުގައި ހުންނަ ހަމަނުޖެހުންތައް ހައްލުކުރުމާއި އަދި މުޢާމަލާތްކުރުން ފަދަ ދާއިރާތަކުން ތަޖުރިބާ ހޯދުމަށް ލިބިގެންދާނެ ޚާއްޞަ ފުރުޞަތެކެވެ.
މީގެ އިތުރުން ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް، ދަތުރުފަތުރު، ކެއުން އަދި ހުރުމުގެ އިންތިޒާމުތައްވެސް ހަމަޖެހިގެންދާނެއެވެ. އަދި ޕްރޮގްރާމް ނިމުމުން، ބައިވެރިންނަށް ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް ހިންގުމުގެ ސެޓްފިކެޓް ދޫކުރެވޭނެއެވެ. މިކަމުގެ ސަބަބުން ބައިވެރިންނަށް އެމީހުންގެ މުޖުތަމަޢު އިތުރަށް ރައްކާތެރި އަދި ގުޅުން ބަދަހި ތަނަކަށް ހެދުމަށް މަގުފަހިވެގެންދާނެއެވެ.
މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމަށް 19 އޮގަސްޓް ވާ އަންގާރަގެ ދުވަހުގެ ނިޔަލަށްވަނީ ހުޅުވާލާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް