ކުނި މެނޭޖް ކުރުމުގެ ބަދަލެއްގެ ގޮތުން ވިޔަފާރި އުސޫލުން ބޭނުން ކުރުމަށް ބިން ހޯދުމަށް އެކި ކައުންސިލުތަކާއެކު ވެމްކޯއިން މަޝްވަރާކުރާ ވާހަކަ އެ ކުންފުނިން ދޮގުކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނިން އެފަދަ މަޝްވަރާތަކެއް ކުރާކަމަށްބުނެ ނޫހަކުން ލިޔެފައިވާ އާޓިލްއަކީ ހަގީގަތް އޮޅޭނެހެން ލިޔެފައިވާ އާޓިކަލެއް ކަމަށެވެ.
އެގޮތުން؛
1. ކުނި މެނޭޖްކުރުމަށް އެ ކުންފުނިން ގެންގުޅޭ ސިޔާސަތު
ވެމްކޯއިން ބުނި ގޮތުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތަކީ ޒަމާނުއްސުރެ ސަރުކާރުން ސަބްސިޑައިޒް ކުރެވިގެން ކުރަމުން އަންނަ މަސައްކަތެކެވެ. ނަމަވެސް އެ މަސައްކަތަކީ ސަރުކާރުން ސަބްސިޑައިޒް ކޮށްގެން ކުރިއަށްގެންދާ މަސައްކަތެއްގެ ގޮތުގައި ނުބާއްވާ، އެ މަސައްކަތަކީ އަރަނިވެރި މަސައްކަތަކަށް ހެދުމަކީ މިސަރުކާރު އަދި މިވަގުތު ވެމްކޯގެ މެނޭޖްމަންޓުން އެންމެ އިސްކަންދޭ އެއްކަންތައް ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ. މިގޮތުން މިކަން ހާސިލް ކުރުމަށް ވެމްކޯގެ ޙިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރަމުން ދާހިނދު، ޙިދުމަތްފެށޭ ކޮންމެ ރަށަކީވެސް ވަކި ޕްރޮފިޓް ސެންޓަރަކަށް (އެމަރުކަޒެއްގެ ހަރަދުތަށް ވަކިންބެލި އަދި ކުންފުނީގެ ޖުމްލަ ފައިދާއަށް ހިއްސާވާ މަރުކަޒެއް) ބަލައިގެން ކުރިއަށް ދިޔުމަށް ވާނީ ރޭވިފައި ކަމަށާއި ނަމަވެސް ރަށްރަށް ވަކިން ހުރުމާއި އާބާދީ ކުޑަވުމުގެ ސަބަބުން އާމްދަނީ އާއި ހަރަދު ބައްދަލުކުރަނީކަމަށް ވަނީނަމަ ރައްޔިތުންނަށް އުފުލޭ ވަރަށް ވުރެ ބޮޑު ބުރައަކަށް ވެގެންދާނެ ކަމުގައިވެސް ބުނެފައިވެއެވެ.
އެހެންކަމުން އެ ކުންފުނިން މިވަނީ ވިޔަފާރި ފުޅާކުރުމުގެ ސިޔާސަތެއް ކަނޑައަޅާއި އެކަމުގެ މަސައްކަތްތައް ފަށާފައި ކަމަށާއި މި ސިޔާސަތު އެކުލަވާލުމުގެ މައިގަނޑު ބޭނުމަކީ ވެމްކޯއިން ފޯރުކޮއްދޭ ކުނި މެނޭޖްކުރުމުގެ މައިގަނޑު ޚިދުމަތްތައް ދެމެހެއްޓުމާއި މާލީ ރައްކާތެރިކަން ދެމެހެއްޓުން ކަމުގައި ވެމްކޯއިން ބުންޏެވެ.
2. ކުންފުނިން ވިޔަފާރި ފުޅާކުރުން
ވެމްކޯއިން ވިޔަފާރި ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި އަމަލު ކުރުމަށް ނިންމާފައިވާނީ، މިސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލައި އަދި އެފަރާތްތަކާއި ގުޅިގެން ކަމުގައި އެ ކުންފުނިން ބުންޏެވެ. އެގޮތުން ވިޔަފާރިފުޅާ ކުރުމުގައި ބެލޭނީ ޙިދުމަތް ފޯރުކޮށްދޭ ރަށެއް ނުވަތަ ސަރަހައްދެއްގައި ކުރެވޭނެ އަދި ފައިދާއެއް ނެރެވޭނެ ވިޔަފާތަކަށް ބަލާ އެކަންކަން ދިރާސާކުރަމަށްފަހު ކަމުގައި ވެމްކޯއިން ބުންޏެވެ.
”މިގޮތުން މިވަގުތު މިފަދަ 3 ޕްރޮޖެކްޓެއްވާނީ ގެޒެޓް ކުރެވިފަ. އެއީ ކ. ޅޮސްފުށީ އަދި ހިންމަފުށި ފަޅު ތަރައްޤީ ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމުގެ އިތުރުން ކުނި ރީސައިކަލް އަދި އަލުން ބޭނުން ކޮއްގެން އެކަމުން ވިޔަފާރިއެއް ފެށުމަށް ޝައުޤުވެރިވާ ފާރާތްތައް ހޯދުމަށް އިޢުލާން ކުރެވިފައިވާނެ“ ވެމްކޯއިން ބުނެފައިވެއެވެ.
މިގޮތުން ކުރިއަށް ގެންދެވޭ ޕްރޮޖެކްޓް/ވިޔަފާރި މަސައްކަތަކީ ކުންފުނިން އަމިއްލައަށް ކުރުމަށް ނިންމާފަވާ މަސައްކަތްތަކެއް ނޫންކަން ފާހަގަކޮށް ވެމްކޯއިން ބުނީ، ހުށަހެޅޭ ބީލަންތައް ކާމިޔާބު ކުރާފަރާތާއި އެކު ފައިދާ ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަރ އުސޫލުން އެއްބަސްވުމުގައި ސޮއިކުރެވިގެން ކުރިއަށް ގެންދެވޭނެ މަސައްކަތްތަކެއް ކަމަށެވެ. މިގޮތުން މިވަގުތު ރާއްޖޭގައި މި ވިޔަފާރި ކުރަމުންދާ ނުވަތަ މިފަދަވިޔަފާރި ކުރުމަށް ޝައުގުވެރިވާ ހުރިހާ ފަރާތަކަށް އެ ފުރުސަތު ހުޅުވާލާފައިވާނެ ކަމަށް ވެމްކޯއިން ބުންޏެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް