އދ. ކުޑަރަށް ރިސޯޓުގެ ވޯޓާވިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައި 5 ވޯޓާވިލާ އަނދައިފިކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
މިކަން ހާމަކޮށް އެމްއެންޑީއެފްއިން ބުނީ ކުޑަރަށް ރިސޯޓުގެ ވޯޓާވިލާތަކުގައި ރޯވި އަލިފާން ނިއްވާލާފައިވާކަމަށާއި، މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނީ މިއަދު ހެނދުނު 10:52 ހާއިރުކަމަށެވެ. މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ މާލެއިން އެ ރިސޯޓަށް ދިޔުމަށް މިއަދު ހެނދުނު 11:05 ހާއިރު ފުރާފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އެ ހާދިސާ ހިނގުމާ އެކު، އެ ރިސޯޓުގެ ފަޔަރ ޓީމުން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާކަމަށާއި އަދި، އެ ރިސޯޓާ ކައިރީގައި އޮތް އދ.ވިލަމެންދޫ ރިސޯޓާއި ސަންޓާރާ ރިސޯޓުގެ ފަޔަރ ޓީމުތަކުން ވަނީ ކުޑަރަށް ރިސޯޓަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވާކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތުދީފައިވެއެވެ.
އޭގެ އިތުރުން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، އދ. މާމިނގިލީ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ވެސް ވަނީ އދ. މާގިނގިލީ ޕޮލިސް ލޯންޗެއްގައި އެ ރިސޯޓަށް ގޮސްފައިވެއެވެ.
މި ހާދިސާގައި ރޯވި އަލިފާން، މިއަދު މެންދުރު 12:16 ހާއިރު އެއްކޮށް ނިއްވާލާފައި ވަނީ ރިސޯޓުތަކުގެ ފަޔަރ ޓީމުތަކުގެ އެހީތެރިކަމާ އެކުގައިކަމަށްވާއިރު މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ. ނަމަވެސް، އެ ރިސޯޓުގެ 5 ވޯޓާވިލާ ވަނީ އަނދައިގެން ގޮސްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް