މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައިވެސް ފެރީ ޚިދުމަތް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއެކު ބ އަތޮޅުގައި އާރްޓީއެލްގެ ފެރީގެ ޚިދުމަތް މިއަދު ފަށައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް މިއަދު ފަށަައިފިކަމަށެވެ.
އަދި މި އަހަރު ޖުލައި މަސް ނިމުމުގެ ކުރީން ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފައްޓަވާނެ ކަމަށް، 22 ޖެނުއަރީ 2025 ގައި ރ.އުނގޫފާރު ރައްޔިތުންނާ މުޚާޠަބު ކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވާކަމަށާއި އަދި 26 ޖޫން 2025 ގައި އެކްސް މެދުވެރިކުރައްވައި ކުރެއްވި މީސްމީޑިއާ ޕޯސްޓެއްގައިވެސް ޖުލައިމަހު ބ. އަތޮޅުގައި މި ޚިދުމަތް ފައްޓަވާނެކަމަށްވެސް ރައީސް ވިދާޅުވިކަމަށް ހީނާ ފާހަގަކުރެއްވިއެވެ.
މިކަން ހާމަކޮށް ރައީސް ކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނުގެ ޖޫން މަސް ނިމުމުގެ ކުރިން ރ އަތޮޅުގައި ފެރީ ޚިދުމަތް ފެށުމަށް އަޅުގަނޑު ވީ ވަޢުދާ އެއްގޮތަށް ރ އަތޮޅު ފެރީ ޚިދުމަތް ފަށްޓަވާފައިވާކަމަށާއި، ޖުލައި ނިމުމުގެ ކުރިން ބ އަތޮޅުގަައި ފެރީ ގެ ޚިދުމަތް ފަށާނެ ކަމަށް ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް އެ އަތޮޅުގެ ޚިދުމަތްވެސް ފެށިގެންދާނެކަމަށެވެ.
"އަދި ދެން ހުރިހާ އަތޮޅެއްގައި މިއަހަރު ނިމުމުގެ ކުރިން ފެރީ ޚިދުމަތް ފަށާނެ ކަމަށް ވީ ވަޢުދުވެސް ފުދިގެންދާނެ. އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ދަނީ ކުރިޔަށް"ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް މުޢިއްޒުވަނީ އެމަނިކުފާނުގެ ރިޔާސީ ބަޔާން އިއްވިއިރު، ކަނޑުމަގުން ދަތުރުފަތުރުކުރުމުގެ ނިޒާމު އިތުރަށް ފުޅާކޮށް، ހަލުއިކޮށް، ރައްޔިތުންނަށް ލުއިފަސޭހަވާނެ މަގުތައް ފަހިކޮށްދިނުމަކީ، ސަރުކާރުގެ ސިޔާސަތެއްކަމަށް ފާހަގަކުރައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް