އިންޑިއާގެ ނޮއިޑާ ވީ.އައި.ޕީ ސެކިއުރިޓީ ޓްރެއިނިންގ ސެންޓަރުގައި ކުރިއަށްގެންދިޔަ ‘’ވީ.އައި.ޕީ ސެކިއުރިޓީ ޓްރެއިނިންގ'' ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ 10 ބޮޑީގާޑުން ބައިވެރިވެ ކާމިޔާބުކަމާއެކު ތަމްރީނު ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފިއެވެ.
މި ޖުލައި މަހުގެ 8 އިން ފެށިގެން 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީނަކީ އިންޑިޔާގެ ސެންޓްރަލް ރިޒަރވް ޕޮލިސް ފޯސްގެ ފަރާތުން ކުރިއަށް ގެންދިޔަ ތަމްރީނެކެވެ.
މި ތަމްރީނުގައި ޕްރޮޓެކްޓިވް ސެކިއުރިޓީ ޓެކްޓިކްސް، ވެޕަންސް ޓްރެއިނިންގ، ޓެކްޓިކަލް ޓްރެއިނިންގ އަދި ފިޒިކަލް ޓްރެއިނިންގެ އިތުރުން ވީ.އައި.ޕީ ސެކިއުރިޓީއާ ގުޅުންހުރި ގިނަ ހުނަރުތައް ދަސްކޮށްދީފައިވެއެވެ.
މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޑިރެކްޓަރ ޖެނަރަލް އޮފް ސެންޓްރަލް ރިޒަރވް ޕޮލިސް ފޯސް، ގިޔަނެންޑްރަ ޕްރަޓަރޕް ސިންޙެ ދެއްކެވި ވާހަކަފުޅުގައި، މި ތަމްރީނު ފުރިހަމަކޮށްފައިވާ 10 ފުލުހުންގެ ވެސް ޑިސިޕްލިންގ ވަރަށް ރަނގަޅުކަމަށް ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ފުރުސަތުތައް ދިވެހި ފުލުހުންނަށް ދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. މީގެ އިތުރުން ތަމްރީނުން ދަސްވި ހުނަރުތަކުގެ ބޭނުން އަމަލީ މައިދާނުގައި ހިފުމަށް ބައިވެރިންނަށް ނަސޭހަތްތެރިވެލެއްވިއެވެ.
މި ތަމްރީނުގެ ބައިވެރިންގެ ފަރާތުން، ސެންޓްރަލް ރިޒަރވް ޕޮލިސް ފޯސްއަށް ހަނދާނީ ފިލައެއް އަރުވާފައިވެއެވެ. އަދި ސެންޓްރަލް ރިޒަރވް ޕޮލިސް ފޯސްގެ ފަރާތުން ވެސް ދިވެހި ފުލުހުންނަށް ހަނދާނީ ފިލައެއް އަރުވާފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް