ހައިބަތު ބޮޑުކޮށް މިނިވަން ދުވަސް ފާހަގަކުރުމަކީ މިނިވަންކަމުގެ ޙަޤީޤީ މާނަ އަދުގެ ޒުވާން ޖީލަށް ދެއްކުމަށް ލިބޭ ފުރުޞަތެއްކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު، އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން، ހައިބަތު ބޮޑުކޮށް މިނިވަން ދުވަސް ފާހަގަކުރުމަކީ މިނިވަންކަމުގެ ޙަޤީޤީ މާނައާއި އޭގެ އަގުވަޒަން ކުރުމުގެ ނަމޫނާ އަދުގެ ޒުވާން ޖީލަށް ދެއްކުމަށް ލިބޭ ފުރުޞަތެއްކަމަށާއި މިނިވަން ބަޔަކަށް ދިވެހިން ވީ ދިވެހީންގެ ވިސްނުމާއި, އުންމީދާއި ހިތްވަރުގެ ސަބަބުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އަދި މިނިވަން ދުވަހުގެ ޖަލްސާ އަކީ ހަނދާން އައު ކޮށްދިނުމުގެ ވަރަށް ޚާއްސަ ރަސްމިއްޔާތެއްކަމަށާއި އެ ޖަލްސާގައި މިނިވަންކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލާ، ދައުލަތަށް ޚިދުމަތްކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް، ދިވެހިން ކުރި ތަޖުރިބާގެ ވާހަކަތައް އަލުން ކިޔައިދެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިއީ ޤައުމެއްގެ ގޮތުގައި ދެމި ތިބުމުގެ ފުރިހަމަ އިލްހާމްތައް ހިތްތަކަށް އަލުން ގެނެސްދޭނެ ކަމެއް. މިނިވަން ދުވަހުގެ ޖަލްސާ ހައިބަތު ބޮޑުކޮށް، ހުރިހައި ފަރާތްތަކެއްގެ ޝާމިލުވުމާ އެކު ބާއްވަން ޖެހެނީ މިހެންވެ"، ވަޒީރު ވިދާޅުވިއެވެ.
މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ސަރުކާރުން ވަނީ ގިނަ ކަންކަން ރާވައިފައެވެ. މީގެ ތެރޭގައި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން ދިދަ ނެގުމުގެ ރަސްމިއްޔާތާއި، ދުވަހާ ގުޅޭ ޚާއްސަ ލައިވްއަތޯނެއް ހިމެނެއެވެ.
މީގެ އިތުރުންވެސް ޤައުމީ ދިފާޢީ ބާރާއި ގައުމީ ކެޑޭޓްކޯގެ މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރު ވަނީ ރާވައިފައެވެ. އަދި ސްކޫލްތަކުގެ ކުޅިވަރާއި ސަގާފީ އައިޓަމްތައް ދައްކާލުން ވެސް މިފަހަރު ވަނީ ރާވާފައިވާއިރު، މާލެ އަދި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ފުޅަނދުބުރު ދައްކާލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް