ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށް ގެންދަވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީގެ ޚިދުމަތް ބ. އަތޮޅުގައި މި ޖުލައި މަސް ނިމުމުގެ ކުރިން ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި ޚިދުމަތް ބ. އަތޮޅުގައި ފެށުމަށްޓަކައި ކުރަންޖެހޭ ތައްޔާރީތަކުގެ ގޮތުން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޓީމަކާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ ޓީމެއް މިހާރު ވަނީ ބ. އަތޮޅަށް ދަތުރުތައް ފަށާފައެވެ. މި ދަތުރުތަކުގެ މައިގަނޑު މަޤްޞަދަކީ ބ. އަތޮޅުގެ ހުރިހާ ރަށްރަށުގެ ކައުންސިލްތަކުގެ އިތުރުން އެހެނިހެން އިދާރާތަކާއެކު ބައްދަލުކޮށް މަޝްވަރާކޮށް، މި ޚިދުމަތާ ގުޅޭ މަޢުލޫމާތު ދިނުމެވެ.
އާރް.ޓީ.އެލް ފެރީގެ ޚިދުމަތް މިހާރުވެސް ރ. އަތޮޅުގައި ދެމުންދާއިރު، ބ. އަތޮޅުގައި މި ޚިދުމަތް ފެށުމާއެކު ރާއްޖޭގެ 11 އަތޮޅެއްގައި އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ކުރިއަށްދާނެއެވެ. މިއީ ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަވާ މުހިއްމު މަޝްރޫޢެކެވެ.
މި މަޝްރޫޢަކީ މުޅި ރާއްޖެ ތިން ފޭސްއަކަށް ބަހާލައިގެން، 6 ޒޯންއަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށް ގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު ކުޑަ އަގެއްގައި، އަރާމުގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެގޮތް މަގުފަހި ކުރުމެވެ. މީގެ އިތުރުން، މި ޚިދުމަތް ފުޅާވުމަކީ އިގްތިސާދީ އަދި އިޖުތިމާޢީ ގޮތުންވެސް ފައިދާހުރި ނިޒާމެއް ގާއިމްކުރުމަށް މަގުފަހިވެ، ރާއްޖޭގެ އަތޮޅުތަކުގެ ގުޅިފައިވާ ތަރައްޤީއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް