ކެންސަރު ހޮސްޕިޓަލް އެޅުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް ނިމިފައިވާކަމަށާއި އެ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރޭ ކުރިއަށްދިޔަ "އަހާ ފޯރަމް"ގެ ތެރެއިން ކެންސަރު ހޮސްޕިޓަލާ ގުޅޭގޮތުން މީހަކު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން، ކެންސަރު ބަލި ތަޙައްމަލުކުރާ މީހުންނަށް ބޭސްފަރުވާގެ ފަހި ފުރުޞަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުން ބޮޑު އަހަންމިއްޔަތުކަމެއްދޭ މަސައްކަތެއްކަމަށާއި ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެންސަރަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ބޭނުންވާ އިދާރީ ހުރިހާ މަސައްކަތްތަކެއް މިހާރު ނިމި، އެ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ކަރުދާހުގެ ލެވެލްގައި ވާންޖެހޭ ހުރިހާ ތައްޔާރީތައް ވަނީ ވެ ނިމިފައި. މަސައްކަތުގެ ޓެކްނިކަލް ފީސިބިލިޓީ ބަލައި، ކޮންސެޕްޓްވެސް ވަނީ އެކުލަވާލާފައި. ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް މާ ލަސްތަކެއް ނުވެ ފެށޭނެ." ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ކެންސަރު ބަލި ޖެހުމުގެ ކުރިން އެކަމުން ރައްކާވެ ތިބުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށްވެސް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ކެންސަރު ބަލި ޖެހުމުގެ ކުރިން ރައްކާވެ ތިބުމަށް، ދުންފަތުގެ އިސްތިޢުމާލުކުރުންފަދަ އެ ބައްޔަށް ހުށައެޅޭ ނޭދެވޭ އާދަތަކުން މުޖުތަމަޢު ދުރުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ ފުރަތަމަ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް މިއަހަރު ފެށޭނެކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް