މާފަންނު ބަސް ޓާމިނަލް ކައިރިން ބޮޑުތަކުރުފާނު މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހި ހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި، އެތާ ކައިރިން ދަތުރުކުރި ޕިކަޕެއްގައި ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކަފި ހުރަސް މަތިން ދިޔަ 40 އަަހަރުގެ މީހާއަށް ފަރުވާ ދެނީ ވެންޓިލޭޓަރަށް ލައިގެންކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
އެގޮތުން އައިޖީއެމްއެޗްއާ ޙަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާގޮތުންނަމަ، 40 އަހަރުގެ ފިރިހެންމީހާ އޮތީ އައިސީޔޫގައި ކަމަށާއި ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ. އަދި މި ހާދިސާގައި ދެން އަނިޔާވި އުމުރުން 16 އަހަރުގެ ކުއްޖާ މިވަގުތު އޮތީ ވޯޑުގައެވެ. ނަމަވެސް ދެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި އެނގިފައެއް ނުވެއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ 8:17 ހާއިރު ބޮޑުތަކުރުފާނު މަގުން ބާރު ސްޕީޑެއްގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެގެން ގޮސް، މާފަންނު ބަސް ޓާމިނަލް ކުރިމަތީގައި އޮންނަ ކަފިހި ހުރަހުން ހުރަސް ކުރަން އުޅުނު މީހެއްގެ ގައިގާ ޖެހި، އެއަށްފަހު ކުރިމަތިން އިރުން ހުޅަނގަށް އައި ޕިކަޕެއްގައި ޖެހިގެންނެވެ.
ނުރައްކާތެރި މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަ) އާއި މަރިޔަމް އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅު ޔޫސުފް އަލްސަން މުޙައްމަދު (އަލް) އެވެ. އޭނާ ވަނީ ރޭ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް