ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، "މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަން "ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް" އަށް މިއަދު ބަދަލުކުރައްވައިފިއެވެ.
މި ބަދަލު ގެންނަވައި އެކަން އިޢުލާންކުރައްވާފައިވަނީ، ނަންބަރު 2025/19، ޤަރާރުންނެވެ.
މި ކުންފުންޏަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށްޓަކައި އިސްތިރާޖީ ގޮތެއްގައި ސަރުކާރުގެ ފަރާތުން ކުރަމުންއަންނަ މަސައްކަތްތަކުގެ ތެރެއިން، ދިވެހިރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށާއި، މަތީ ފެންވަރުގައި ދުނިޔޭގައި ފާހަގަކުރެވޭ ފަދަ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ކުރަންޖެހޭ މާކެޓިން، ޕްރޮމޯޝަން އަދި އިޝްތިހާރުކުރުމުގެ އެންމެހައި މަސައްކަތް، ސީދާގޮތުންނާއި އިސްތިރާޖީގޮތުން، ދެމެހެއްޓެނިވި ގޮތެއްގައި މެދުކެނޑުމެއް ނެތި ކުރުމަށް އެކުލަވާލާފައިވާ ކުންފުންޏެކެވެ.
ވިޒިޓް މޯލްޑިވްސް އިން ވަނީ ދިވެހިރާއްޖޭގެ މަޝްހޫރު ޓޫރިޒަމް ބްރޭންޑް އަދި އައިޑެންޓިޓީ އަށް ބަދަލުގެނެސް އާންމުކޮށްފައެވެ. ބްރޭޑް އަދި އައިޑެންޓިޓީ އަށް މަދު އިޞްލާޙުތަކެއް ނަމަވެސް، މިއީ ރޭވުންތެރިކަމާއެކު ގެނެވިފައިވާ ބަދަލުތަކެއް ކަމަށް އެ ކުންފުނިން މައުލޫމާތުދެއްވައެވެ. މި ބަދަލުތަކުގެ ސަބަބުން، ހުރިހާ ވަސީލަތެއްގައިވެސް އެއްހަމަ އަދި ފާހަގަކޮށްލެވޭފަދަ ވިޝުއަލް ޕްރެޒެންސްއެއް ޤާއިމުކުރެވޭނެއެވެ.
އިތުރަށް ފުރިހަމަކުރުމަށް ގެނެވުނު އިޞްލާޙުތަކުގެ ތެރޭގައި، ލޯގޯގެ ކުލަތަކުގެ ޓޯންތަކަށް ގެނެވުނު ކުދިކުދި ބަދަލުތަކަކާއި، ހުޅުވިފައިވާ، ހާމަތަންތަނުގައި އިޝްތިހާރު ހަރުކުރެވޭއިރު ބަލާމީހުންނަށް ފަސޭހައިން ދެނެގަނެވޭނެފަދަ ގޮތަކަށް ބައްޓަން ކުރުމަށް ލޯގޯޓައިޕަށް ގެނެވުނު ބަދަލުތައް ހިމެނެއެވެ. މުޅި ސިފަ ކުރިއާ އެއްގޮތަށް ބަހައްޓާފައިވީ ނަމަވެސް، މި އިޞްލާޙުތަކާއެކު ލޯގޯ އެއް ހަމައެއްގައި ބޭނުންކުރެވި، ބްރޭންޑް ރެކޮގްނިޝަން ވަރުގަދަވާނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް