ދުވާފަރު ޕޮލިސް ސްޓޭޝަނުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ދުވާފަރު ޕޮލިހަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޖުލައި މަހުގެ 7 ވަނަ ދުވަހާއި 9 ވަނަ ދުވަހު ހިންގި ދެ އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މި ދެ އޮޕަރޭޝަނުގެ ތެރެއިން، މި މަހު 9 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / ފިނިރޯޅި، އާދަމް އިބްރާހީމް (31އ) އާއި ރ. ދުވާފަރު / މަރިޔާދުގެ، އިބްރާހީމް ސިނާން (37އ) އާއި ރ. ކަނދޮޅުދޫ / ސަކީނާމަންޒިލް، ޢަބްދުﷲ އާދަމް (51އ) އެވެ.
މި މަހު 7 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / ވިލާ، ޢަބްދުﷲ ޝާއިފް (25އ) އެވެ.
މި ހަތަރު މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ކަރުދާސްކޮޅުތަކެއް ފެނިފައިވެއެވެ.
މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަތަރު މީހުން ވެސް 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
ދުވާފަރު ޕޮލިސް ސްޓޭޝަނުން ގެންދަނީ މި މައްސަލަތައް ތަހުގީގު ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް