އާންމުން ހައްޖަށް ދިއުމަށް ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން މުދަލު ޒަކާތް ދައްކަން ޖެހޭނީ އެ ކޯޕަރޭޝަނުން ކަމަށް ފަތުވާ މަޖިލީހުން ބުނެފިއެވެ.
ފަތުވާ މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ފާސްކުރި "މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދެއްކުމާ ގުޅޭ" ފަތުވާ މިއަދު ވަނީ އެ މަޖިލީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާއިރު، އެ މަޖިލިހުން ބުނީ، ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދިނުމާ ގުޅޭގޮތުން މައްސަލައެއް މަޖިލީހަަށް ހުށަހަޅާފައިވާ ކަމަށެވެ.
ޙައްޖަށް ދިޔުމަށްޓަަކައި ކޮންމެ އަހަރަކު ވެސް ދިގު ކިޔުއެއް އޮންނައިރު، ކިޔުއަށް އެރެނީ ޙައްޖަށް ދާން ފައިސާ ދެއްކުމުންނެވެ. އަދި ރާއްޖެއަށް ދޫކޮށްފައި އޮންނަ ކޯޓާގައި ޙައްޖަށް ދެވެނީ އެ ކިޔު ތަރުތީބުންނެވެ.
އެހެންކަމުން ޙައްޖަށް ދިޔުމަށްޓަކައި އަހަރުތަކެއް ކުރިން ގިނަ ބަޔަކު ޙައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކައެވެ. އަދި އެ އަދަދަކީ މުދަލު ޒަކާތުގެ ނިޞާބު ހަމަވާ އަދަދަކަށް ވާތީ އެ ފައިސާއިން ޒަކާތް ދައްކަން ޖެހޭނެތޯ ބައެއް އާއްމުން ސުވާލު ކޮށްފައިވެއެވެ.
އެއާއެކު، ޙައްޖު ކޯޕަރޭޝަނުން ދިން މައުލޫމާތުގެ އަލީގައި، މައްސަލަ ދިރާސާކުރުމަށްފަހު، އާންމުން ޙައްޖަށް ދިއުމަށް ޙައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ އެ ކޯޕަރޭޝަނުން ކަމަށް ފަތުވާ މަޖިލީހުން ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް