ލ.މާމެންދޫގައި އަމިއްލަ ކުންފުންޏެއް ކަމުގައިވާ ކައިޒާން އިންވެސްޓުމެންޓުން ގާއިމުކޮށްފައިވާ އައިސް ޕްލާންޓެއް ބޮޑު އަގުގައި ގަތް މައްސަލާގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި އަހްމަދު ސައީދު (މައިފޫނާ) ގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އުފުލައިފިއެވެ.
މިކަން ހާމަކޮށް ޕީޖީ އޮފީހުން ބުނި ގޮތުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލީ އައިސް ޕްލާންޓުތަައް އެޅުމުގެ އެއްބަސްވުމެއްގައި 30 އޭޕްރީލް 2023 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ލ.މާމެންދޫގައި ފެނަކައިން އައިސް ޕްލާންޓު އެޅުމުގެ ބަދަލުގައި، ލ.މާމެންދޫގައި ހުރި އައިސް ޕްލާންޓެއް ގަތުމަށް ނިންމީ ފެނަކައިގެ ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ ރައުޔަ ހޯދުމެއް ނެތި ކަމަށާއި، އަދި އެ އައިސް ޕްލާންޓު ގަތުމަށް ނިންމީ ކައިޒާން އިންވެސްޓުމެންޓުން ހުށަހެޅި އާދަޔާ ހިލާފު ބޮޑު އަގުކަމަށްވާ 11،251،946 (އެގާރަ މިލިއަން ދެލައްކަ ފަންސާސް އެއްހާސް ނުވަސަތޭކަ ސާޅީސް ހައެއް ރުފިޔާ) އަށް ކަމަށެވެ.
މީގެ އިތުރުން، އެ މައްސަލަތަކުގެ ތެރޭގައި އެ ޕްލާންޓު ގަންނަން ނިންމީ އެއީ މާލީ ގޮތުން ހަމަޖެހޭ ކުރެވިދާނެ ކަމެއް ނޫންކަމަށް އެ ކުންފުނީގެ ބިޒްނަސް ޕްލޭންތަކުގައި ބަޔާންކޮށްފައިވަނިކޮށެވެ. އަދި ބޯޑުގައި އެ އައިސްޕްލާންޓު ގަތުމަށް ސައީދު ވަކާލާތުކުރެއްވިއިރު، މާމެންދޫގައި ފެނަކައިން އައިސް ޕްލާންޓެއް އެޅުމަށް ނިންމާފައި އޮތްކަން ބޯޑަށް ސިއްރުކުރެއްވިކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި އެ އައިސް ޕްލާންޓު ގަތުމާމެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުން ބޭއްވި ތާރީހު ކަމުގައިވާ 7 ސެޕްޓެންބަރު 2023 ގައި، އެ އައިސް ޕްލާންޓު ގަތުމުގެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރައްވައި، ކައިޒާން އިންވެސްޓުމެންޓަށް 11.2 މިލިއަން ރުފިޔާ ލިބުމަށް މަގުފަހިކޮށްދެއްވީ ސައީދުއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް