ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކަރަންޓީނު ފެސިލިޓީއެއް ގާއިމުކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މިއީ ކޮވިޑް-19 ”އިމަޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރިފެއާޑްނަސް ޕްރޮޖެކްްޓް“ ގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުއެއް ކަމަށާއި، އެގޮތުން މިއީ އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓުމަންޓް ބޭންކް (އޭއައިއައިބީ)ގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުއެއް ކަމަށެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރަސަތު ހުޅުވާލާފައި ވާއިރު ޕްރޮޖެކްޓް ގެންދާނީ ބޭންކުގެ ޕްރޮކިއުމަންޓް އިންސްޓްރަކްޝަންސް ފޯ ރެސިޕިއެންޓްސް (ޕީއައިއާރު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިންޓަނޭޝަނަލް އޯޕްން ކޮމްޕެޓިޓިވް އުސޫލުތަކާ އެއްގޮތަށް ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.
މި މަޝްރޫއުއާ ގުޅޭ އެއްވެސް ސުވާލެއް އޮތް ނަމަ އަންނަ މަހުގެ 6 ގެ ކުރިން ފިނޭންސް މިނިސްޓްރީއަށް އީމެއިލް ކުރަން ވަނީ އެދިފައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 26،000 ޑޮލަރު ނުވަތަ އެ އަދަދާ އެއްވަރެއްގެ އަދަދެއްގެ ދިވެހި ރުފިޔާއިން ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 178 ދުވަހެވެ.
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ޓަކައި -/1,500 ރުފިޔާ ނުވަތަ 100 ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭއިރު ފައިސާ ބަލައިގަންނާނީ 2025 ޖުލައި 9 އިން 2025 އޮގަސްޓް 21އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ބަނޑޭރި ޕޭ މެދުވެރިކޮށް ކަމަށް ފިނޭންސް އިން ހާމަކުރެއެވެ.
މީގެ އިތުރުން ބީލަން ހުޅުވުން އޮންނާނީ 2025 އޮގަސްޓް 25 ވާ ހޯމަ ދުވަހުގެ 13:00ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާ ޑިޕާޓްމަންޓުގެ ޖަލްސާ ކުރާ މާލަމުގައި ކަަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް