ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް ބެލެންސް 627.0 މިލިއަން ރުފިޔާގެ ސަރޕްލަސްއަކަށް އަރައިފިއެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ދައުލަތުގެ ބަޖެޓުން 26 ޖޫން 2025ގެ ނިޔަލަށް ކޮށްފައިވާ ޚަރަދުތައް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 17.8 އިންސައްތަ ދަށަށް ގޮސް، ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް ބެލެންސް 627.0 މިލިއަން ރުފިޔާގެ ސަރޕްލަސްއަކަށް އަރާފައިވެއެވެ.
އަދި އެ މުއްދަތުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 17.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު 17.8 އިންސައްތަ ދަށް އަދަދެކެވެ. އެގޮތުން، ދައުލަތުގެ ރިކަރަންޓް ޚަރަދު 2.0 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ޚަރަދުވަނީ 64.3 އިންސައްތައިން ދަށްވެފައެވެ.
ރިކަރަންޓް ޚަރަދުގެ 55.7 އިންސައްތަ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 8.9 އިންސައްތަ ދަށް ޢަދަދެކެވެ. އެގޮތުން އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ޚަރަދު 68.3 އިންސައްތައިން ދަށްވެފައިވާއިރު، މަރާމާތުކުރުމާއި މެއިންޓެނަންސްގެ ޚަރަދު ވަނީ 17.6 އިންސައްތައިން ދަށްވެފައެވެ. ހަމައެހެންމެ، ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ މިވަނީ، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 12.3 އިންސައްތައިން ދަށްވެފައެވެ. މިއާއި އެކު ދައުލަތުން ފޯރުކޮށްދޭ އެކި އެހީ އަދި ސަބްސިޑީތައް ފޯރުކޮށްދިނުމަށް ކުރެވުނު ހޭދަ ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 5.6 އިންސައްތައިންވަނީ ދަށްވެފައެވެ.
މި ޚަރަދުތައް ދަށްކުރެވިފައިވީ ނަމަވެސް، ޚިދުމަތްދިނުމުގެ ބޭނުމަށް ހޯދާ ތަކެއްޗަށް ކުރި ޚަރަދު 30.0 އިންސައްތަ އިތުރުވެ، އާސަންދައަށް ހިނގި ޚަރަދުވެސް 1.9 އިންސައްތައިންވަނީ އިތުރުވެފައެވެ. މެޑިކަލް ވެލްފެއަރގެ ޚަރަދުތައް 33.3 އިންސައްތައިން ވަނީ ދަށްވެފައިވާއިރު، ދައުލަތުން ނަގާފައިވާ ދަރަންޏަށް ފައިސާ ދައްކާފައިވާ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 81.9 އިންސައްތަ އަދި ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ފައިސާގެ އަދަދު 60.1 އިންސައްތަވަނީ އިތުރުވެފައެވެ.
ނިމިދިޔަ ހަފްތާގެ ނިޔަލަށް ކެޕިޓަލް ޚަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 2.0 ބިލިއަން ރުފިޔާއެވެ. އެގޮތުން، މަގުހެދުމާއި ބްރިޖް އަދި އެއަރޕޯޓް ތަރައްގީކުރުމަށް ހިނގާފައިވާ ޚަރަދު ހިމަނައިގެން، އިންފްރާސްޓްރަކްޗަރ އެސެޓްތަކަށް 1.7 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި މިވަނީ ހޭދަކޮށްފައެވެ. މިއީ މިއަހަރަށް މިކަންކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ 15.2 އިންސައްތައެވެ.
2025 ވަނަ އަހަރަށް އެކުލަވައިލައިފައިވާ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ.)އަށް 12.4 ބިލިއަން ރުފިޔާ ހިނގާނެކަމަށް ލަފާކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމްތަކަށް ހޭދަކޮށްފައިވަނީ 2.0 ބިލިއަން ރުފިޔާއެވެ. އަދި ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ހިނގާފައިވާ ޕީ.އެސް.އައި.ޕީ ޚަރަދުގެ ބޮޑު އިންސައްތައެއް، ބިން ހިއްކުމާއި މަގު ހެދުމުގައި މަޝްރޫޢުތަކަށް ހޭދަކޮށްފައިވި ނަމަވެސް، މި އަހަރުގެ ތެރޭގައި ހިނގާފައިވާ ޕީ.އެސް.އައި.ޕީ ޚަރަދުގެ ބޮޑު އިންސައްތައެއް ޙިއްސާކުރަނީ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމާ ގުޅޭ ތަފާތު އެކި މަޝްރޫޢުތަކަށް ކޮށްފައިވާ ޚަރަދެވެ. އެގޮތުން މިފަދަ މަޝްރޫޢުތަކަށް ޖުމުލަ 1.1 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި މިވަނީ ޚަރަދުކޮށްފައެވެ. މީގެ ތެރޭގައި ވެލާނާ އެއާޕޯޓް ނިންމުމަށް ހިނގާ ޚަރަދުތައް ފާހަގަކޮށްލެވެއެވެ. ހަމައެއާއެކު ޕީ.އެސް.އައި.ޕީ އާ ގުޅޭ ތަފާތު އެކި ސިޔާސަތުތައް ހަރުދަނާކުރުމަށް މިއަހަރުގެ ތެރޭގައި ސަރުކާރުން ކުރަމުންދާ ގިނަ މަސައްކަތްތަކާއެކު، މިފަދަ ޕްރޮގްރާމްތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ޖުމުލަ ޚަރަދު ވަނީ ކުޑަކުރެވިފައެވެ.
މިއާއެކު، ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 22.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު 6.4 އިންސައްތަ ދަށް ޢަދަދެކެވެ. އެގޮތުން، ދައުލަތުގެ ރިކަރަންޓް ޚަރަދު 2.0 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ 64.3 އިންސައްތައިން ދަށްވެފައެވެ. އެއާއެކު، ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް ސަރޕްލަސެއްގައި ވަނީ ދެމެހެއްޓިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް