ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ގުޅިފަޅުން ގޯތި ދިނުމަށް ކުރީގެ ސަރުކާރުން ހެދި އެއްބަސްވުމުގައި ގާނޫނީ ފުށުއެރުންތަކެއް ހުރުމާ ގުޅިގެން، މި މައްސަލަ ހައްލުކުރުމަށް ބަންޑާރަ ނައިބުގެ އޮފީހާ އެކު މަޝްވަރާ ކުރުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
މިކަން ހާމަކޮށް ހައުސިން މިނިސްޓްރީން އިއްޔެ ބުނި ގޮތުގައި، ގުރުއަތުން ހައްގުވާ ޕްލޮޓު ކަނޑައަޅައި، ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން ދިރާސާކުރިއިރު، އޭގައި ބިމާ ބެހޭ ގާނޫނާ ފުށުއަރާ ކަންކަން ހިމެނޭކަން ވަނީ ފާހަގަކުރެވިފައެވެ.
ބިމާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، އެއްވެސް މީހަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދެވޭނީ، އެ މީހަކަށް ކުރިން ލިބިފައިވާ ބަންޑާރަ ގޯއްޗެއް ނުވަތަ ފްލެޓެއް ދޫކޮށްލުމުންނެވެ.
ނަމަވެސް، ބިންވެރިޔާ ސްކީމުގެ ދަށުން އެންމެ ފުރަތަމަ ގޯތި ދޫކުރުމުގެ އުސޫލުގައި ދޫކޮށްލަން ޝަރުތުކޮށްފައިވަނީ، މާލެ ސަރަހައްދުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ކުޑަ ގޯތިތައް އެކަނިކަން ފާހަގަކުރެވެއެވެ.
މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މިހާރު ހުޅުމާލެއިން ހަވާލުކުރި ގިނަ ގޯތިތަކުގައި އިމާރާތްކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، ހަމައެކަނި ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުން އިސްލާހުކުރުމަކުން މުޅި މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށެވެ. އެހެންކަމުން، މި މައްސަލަ ހައްލުކުރުމަށް ބަންޑާރަ ނައިބުގެ ލަފާ ހޯދުމަށް ވަނީ ނިންމާފައެވެ.
2025 ވަނަ އަހަރުގެ މެއި 30 ގައި ކުރިއަށް ގެންދިޔަ ގުރުއަތުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލުކުރުން އަވަސްކުރުމަށްޓަކައި، އާ ގޯތީގެ ރަޖިސްޓަރީ ނަންބަރާއި ގޯތި ނަންބަރު އަދި ގޯތި އޮތްތަން ބަޔާންކުރާ އައު އެއްބަސްވުމެއްގައި ސޮއިކުރުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް