މޯލްޑިވްސް ނޭޝަނަލް ސަރވިސް ނުވަތަ ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި 1244 ޒުވާނުން ކުރިމަތިލާފައިވާކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިކަން ހާމަކޮށް އެ ވުޒާރާއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ޖިސްމާނީ އަދި ސިއްޙީ ދުޅަހެޔޮކަން ހުރި ހުރިހާ ފަރާތަކަށްވެސް ތަމްރީން ފުރިހަމަކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ނިންމަވާފައިވާކަމަށާއި އަދި މިހާރު ކުރިމަތިލާފައިވާ ކުދިންގެ ތަރުތީބުން ތަމްރީނުން ޖާގަ ލިބިފައިވާ ގޮތައި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރާނެކަމަށެވެ.
މިގޮތުން ތަމްރީނުގެ ފުރަތަމަ ބުރަށް ޝޯޓްލިސްޓުކުރެވޭ ފަރާތްތަކާއި ފުރަތަމަ ބުރުގެ ރިޒާވްގައި ހިމެނޭ ފަރާތްތަކަށްވެސް އެމަޢުލޫމާތު ހިއްސާކުރާނެކަމަށާއި މި މިޕްރޮގްރާމަށް މީހުން ނެގުމުގެ މަރުޙަލާ ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. އަދި ކޮންމެ ކެނޑިޑޭޓަކުވެސް ސެލެކްޝަން ޕްރޮސެސްކުރިއަށްގެންދިޔުމަށް ހާޒިރުވާންޖެހޭނީ އެންމެ ކައިރީގައި ހުރި ސްޓޭޝަނަކަށްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޒުވާނުންތަކެއް ބިނާކުރުމަށްޓަކައި ސަރުކާރުން ވަނީ މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ނަމުގައި ޤައުމީ މަޝްރޫޢެއް ފައްޓަވާފައެވެ.
މި ޕްރޮގްރާމުގެ މަޤްޞަދަކީ ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އިޙުތިރާމު ކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުމާއި، ދިވެހި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ބައްޓަންކުރުން ހިމެނެއެވެ.
ދިފާޢީ ވުޒާރާގެ ދަށުން ކުރިއަށްގެންދަވާ މިޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގައެވެ. ވޭތުވެދިޔަ 1 މަސްދުވަހުގެ ތެރޭގައި މިޕްރޮގްރާމްގައި ބައިވެރިވުމަށް 1244 ޒުވާނުން ކުރިމަތިލާފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް