އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ތައްޔާރުކުރާ 2026 ވަނަ އަހަރުގެ ކަލަންޑަރުގައި ހިމަނާނެ ފޮޓޯ ހޯދުމުގެ ގޮތުން ފޮޓޯ މުބާރާތެއް ފަށައިފިއެވެ.
'ކަލަންޑަރ ފޮޓޯ މުބާރާތް 2025′ ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތުގައި ހުށައަޅާ ފޮޓޯތަކުގެ ތެރެއިން ފަނޑިޔާރުން ކަނޑައަޅާ އެންމެ ރީތި 13 ފޮޓޯއެއް 2026 ވަނަ އަހަރުގެ ކަލަންޑަރުގައި ހިމެނިގެންދާނެއެވެ.
މި މުބާރާތުގައި ކޮންމެ އުމުރެއްގެ ފަރާތަކަށްވެސް ބައިވެރިވެވޭ ގޮތަށް ހަމަޖެހިފައިވާއިރު މުބާރާތުގެ އިތުރު ޝަރުތުތަކަކީ
- ކޮންމެ ބައިވެރިއަކަށްވެސް ހުށައެޅޭނީ މަދުވެގެން ތިން ފޮޓޯއެވެ. އަދި ގިނަވެގެން ފަސް ފޮޓޯއެވެ.
- ރާއްޖޭގެ އެކިރަށްރަށުގައި ޤާއިމްކޮށްފައިވާ މިސްކިތްތަކުގެ ފޮޓޯ (އިންޓީރިއާ، އެކްސްޓީރިއާ، އަދި އޭރިއަލް ވިއު)
- މުބާރާތަށް ހުށައަޅާ ފޮޓޯތަކުގައި މާތްﷲ ގެ އިސްމުފުޅުތައް، ކީރިތި ރަސޫލާ (ސއވ) ގެ ނަންފުޅާއި ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ މަންޒަރުތައް ހިމެނިގެން ނުވާނެއެވެ.
މި މުބާރާތުގައި ހުށައަޅާ ފޮޓޯތަކުގެ ތެރެއިން ފަނޑިޔާރުން ކަނޑައަޅާ 12 ފޮޓޯއަށް، ފޮޓޯއަކަށް 2500 ރުފިޔާ އަދި ކަލަންޑަރުގެ ބޭރު ކަވަރުގައި ހިމެނުމަށް ހޮވޭ ފޮޓޯއަށް 1500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ފަނޑިޔާރުން އިންސާފު ކުރުމުގައި ބެލުމަށް ހަމަޖެހިފައިވާ ކަންތައްތަކަކީ އުފެންދުންތެރިކަމާއި، ޓެކްނިކަލް ފެންވަރާއި ކޮލިޓީ، ފަންނުވެރިކަމާއި ހުނަރު އަދި ޝަރުތުތަކާއި ގުޅުން ހުރި މިންވަރެވެ.
މި މުބާރާތަށް ފޮޓޯ ހުށައެޅުމަށް ހާއްސަ ލިންކެއް ވަނީ ހަދާފައެވެ. އެގޮތުން ފޮޓޯ ހުށައަޅަން ޖެހޭނީ https://shorturl.at/vmPqa މި ލިންކު މެދުވެރިކޮށްގެންނެވެ. މުބާރާތަށް ހުށައަޅާ ފޮޓޯއާއެކު ބައިވެރިޔާގެ އައިޑީކާޑު ފޮޓޯ ހުށައަޅަން ޖެހޭނެއެވެ. އަދި ކޮންމެ ފޮޓޯއެއްގައި އެ ފޮޓޯގެ ލޮކޭޝަނާއި، މިސްކިތުގެ ނަން އަދި ފޮޓޯއާއި ގުޅޭ ކުރު ތަޢާރަފެއް ހިމަނަން ޖެހޭނެއެވެ.
މި މުބާރާތަށް ފޮޓޯ ހުށައެޅޭނެ އެންމެ ފަހު ތާރީޚަކީ 31 ޖުލައި 2025 ވަނަ ދުވަހުގެ ރޭ 23:59 އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް