ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޮންފެޝަން ޕޭޖްތައް ހުއްޓުވުމަށް ފުލުހުން ހާއްސަ މަސައްކަތެއް ފަށައިފިއެވެ.
މިކަން ހާމަކޮށް ފުލުހުން ބުނީ ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ސައިބަރބުލީގެ އަމަލުތައް އިތުރުވަމުންދާތީ، މިކަން ހުއްޓުވުމަށް ދިވެހި ފުލުހުންގެ ސައިބަ ކްރައިމް ސެންޓަރުގެ ފަރާތުން ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ.
އަދި ފާއިތުވެދިޔަ ހަފްތާގައި މާލޭގެ 2 ސްކޫލަކަށް ނިސްބަތްވާ އިންސްޓަގްރާމް ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަހުގީގު ކުރަން ފަށާފައިވާއިރު، މިފަދަ އިތުރު 20 ކޮންފެޝަން ޕޭޖެއްގެ މައްސަލަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފް.ސީ.ޕީ) އާއި ސައިބަރ ކްރައިމް ސެންޓަރު ގުޅިގެން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލައަކީ، ދުވަހުން ދުވަހަށް ބޮޑުވަމުން އަންނަ މައްސަލައެއް ކަމަށާއި، ސްކޫލް ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުންތަކެއް މިކަމުގެ ޝިކާރައަކަށް ވެފައިވާއިރު، މިފަދަ ޕޭޖްތައް އުފައްދައި ހިންގަމުންދާ ފަރާތްތަކަކީ ވެސް ގިނަ ފަހަރު ސްކޫލް ދަރިވަރުން ކަމަށެވެ.
"ޕޭޖްތައް އުފައްދައި ހިންގާ ދަރިވަރުންގެ މައުލޫމާތު ވަންހަނާކޮށް، އެހެން ދަރިވަރުންނާއި ޓީޗަރުންނާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފެތުރުމާއި، މަލާމާތް ކުރުމާއި، ފުރައްސާރަ ކުރުމުގެ އިތުރުން ނަފްސާނީ ގޮތުން އަނިޔާ ލިބޭ ފަދަ އެތައް ލިޔުންތަކެއް މިފަދަ ޕޭޖްތަކުގައި ޝާއިއުކުރަމުންދޭ"، ފުލުހުން ބުންޏެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް