55 ރަށެއްގެ ކައުންސިލް އިދާރާ އަލުން ޢިމާރާތްކުރުމަށް މެލޭޝިއާގެ ކުންފުންޏެއް ކަމުގައިވާ "ހެކްސްޓަރ ގްލޯބަލް" އާއެކު ސޮއިކުރި އެއްބަސްވުން ބާޠިލުކޮށްފިކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އެމަނިކުފާނުގެ އެކްސް އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން، ވަޒީރު ވިދާޅުވީ 55 ކައުންސިލް އިމާރާތް އެޅުމަށް ހެކްސްޓާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުން ބާޠިލުކޮށްފައިވާ ކަމަށާއި، އެއްބަސްވުން ބާޠިލުކުރީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެކުންފުނިން ބަލައިނުގަތުމުން ކަމަށެވެ.
"މިއެއްބަސްވުން ބާތިލްކުރުމާ ގުޅިގެން އެކުންފުންޏަށް ބަދަލެއް ދޭކަށް ނުޖެހޭނެ"، ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ 55 ކައުންސިލް އިމާރާތް އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުންފުނިތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް، މިމަސައްކަތް އެހެން ދިވެހި ކުންފުންޏަކާ ޙަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ކޮންޓްރެކްޓަރ ފައިނޭންސިން އުސޫލުން 55 ރަށެއްގައި ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމަށް މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ކުންފުންޏާ ހަވާލުކޮށްފައިވަނީ 38 މިލިއަން ޑޮލަރަށެވެ. މި އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައެވެ.
ކައުންސިލް އާ އިމާރާތް އެޅުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދުމަށް ހުޅުވާލި ފުރުސަތުގައި، ކައުންސިލްތަކުގެ ހާލަތަށް ބެލުމަށް ފަހު 102 ކައުންސިލްގެ އާ އިމާރާތް އެޅުމަށް ޝަރުތު ހަމަވާ ކަމަށް ސިޓީސް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް