ދިވެހިރާއްޖޭގެ އުފެއްދުންތެރި ފަންނާނުން ބައިވެރިކޮށް، އެ ފަރާތްތަކުގެ އުފެއްދުންތައް މުޅި ދުނިޔެއާ ހިއްސާކުރުމުގެ ފުރުސަތު ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ތަޢާރަފުކުރާ ވިޒިޓް މޯލްޑިވްސް ލޯކަލް އެމްބެސެޑަރަށްޝިޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ހުޅުވާލައިފި އެވެ.
މިކަމާ ގުޅިގެން އެމްއެމްޕީއާރްސީއިން ކުރި އިއުލާނެއްގައި ބުނީ ވިޒިޓް މޯލްޑިވްސް ލޯކަލް އެމްބެސެޑަރަށްޝިޕް ޕްރޮގްރާމަކީ ސަޤާފީ އަދި ފަންނީ ދާއިރާއިން މުއްސަނދި މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ މަޤްބޫލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުކުރުމަށް ތައާރަފްކުރެވޭ ޕްރޮގްރާމެއްކަމަށާއި، މި ޕްރޮގްރާމްގެ މަޤްޞަދަކީ އެކި ދާއިރާތަކުގެ ދިވެހި ފަންނާނުންގެ މަސައްކަތްތަކާއި، ތަފާތު ފަންނީ އުފެއްދުންތައް ދައްކުވައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކާއެކު މަސައްކަތްކޮށް ދިވެހި ސަޤާފަތާއި، ތަރިކައާއި، އުފެއްދުންތައް މުޅި ދުނިޔެއާ ހިއްސާކުރުންކަމަށެވެ.
މިގޮތުން މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ވިޒިޓް މޯލްޑިވްސް ލޯކަލް އެމްބެސެޑަރއެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުމުގެ ފުރުސަތު ލިބި، ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ވިޒިބިލިޓީ ލިބިގެންދާނެކަމަށާއި، އަދި އުފެއްދުންތެރި އަދި ޤައުމުގެ އަމިއްލަވަންތަކަމާއި، ސަޤާފަތާއި، ޤުދުރަތީ ރީތިކަން ތަމްސީލުކުރުމަށް ޝައުޤުވެރިވާ ހުރިހާ ދިވެހި ފަންނާނުންނަށް މި ޕްރޮގްރާމްގައި ބައިވެރިވުމަށް ދަޢުވަތު އަރުވާކަމަށް އެމްއެމްޕީއާރްސީން ބުނެފައިވެއެވެ.
އެހެންކަމުން، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެ ފަރާތެއްގެ ވަނަވަރާއި، ފަންނީ ޕޯޓްފޯލިއޯ އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ހުށަހަޅާ ޚިޔާލުތައް ހިމެނޭ ކުރު ޕްރޮޕޯޒަލްއެއް ތައްޔާރުކޮށް [email protected] އަށް އީމެއިލް ކުރެއްވުމަށް އެމްއެމްޕީއާރްސީން ވަނީ އެދިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް