ސިންގަޕޫރުގައި ބޭއްވުނު އިންސްވެސްޓަރުންގެ ފޯރަމުގެ ސަބަބުން، ސިންގަޕޫރުގެ އިތުރު އިންވެސްޓްމަންޓުތައް ރާއްޖެއަށް ގެނެވޭނެ ކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް މިދިޔަ ހަފްތާގައި ވަޑައިގެން އެ ޤައުމުގައި ބޭއްވި ބިޒްނަސް ފޯރަމްއަށްފަހު، ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި، މިނިސްޓަރ ތޯރިގް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްްޖޭގައި އިންވެސްޓު ކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން އެ ޑިސްކަޝަންގައި ވާހަކަ ދެއްކެވި ކަމަށާއި، އެގޮތުން ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި އަލަށް އިންވެސްޓުކުރުމަށް ހުޅުވާލި ފުރުސަތުތަކާއި، ހއ، ހދ، ށ، ތ، ލ އަދި އައްޑޫ ސިޓީ ހިމެނޭހެން ގާތްގަޑަކަށް 31 މަޝްރޫޢުއެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަން ފާހަގަކުރައްވާއި، އެ މަޝްރޫޢުތަކުގެ މައުލޫމާތުވެސް ހިއްސާކުރެއްވިކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ހަލާލް ޓުއަރިޒަމަކީ ދުނިޔޭގައި ކުރިއަރަމުން އަންނަ އެއް ދާއިރާއަށްވާއިރު، ރާއްޖޭގައިވެސް މިދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރައްވާކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަމުގެ ތަފްސީލްތައްވެސް އިންވެސްޓަރުންނާއި ހިއްސާކުރެއްވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
”މި ފޯރަމްގެ ސަބަބުން ސިންގަޕޫރުގެ އިންވެސްޓަރުންނަށް ލިބުނު މަޢުލޫމާތުގެ އަލީގައި ރާއްޖެއަށް އިތުރު އިންވެސްޓްތައް ގެންނާނެ. އަދި މިހާރު ރާއްޖޭގައި އިންވެސްޓްކޮށްގެން ތިބި ފަރާތްތަކުންވެސް އެމީހުންގެ އިންވެސްޓްމަންޓްތައް ފުޅާވެގެންދާނެކަމަށް ޤަބޫލުކުރަން.“ މިނިސްޓަރ ތޯރިގް ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ އެ ދަތުރުފުޅުގައި ބޭއްވި އެ ބިޒްނަސް ފޯރަމަކީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓުގެ ފުރުސަތުތައް ސިންގަޕޫރުގެ އިންވެސްޓަރުންނާއި ވިޔަފާރިވެރިންނާ ހިއްސާ ކުރުމަށް ބޭއްވި ފޯރަމެކެވެ. އެ ފޯރަމްގައި 200 އަށްވުރެ ގިނަ އިންވެސްޓަރުން ބައިވެރިވިއެވެ. އަދި އެ އިންވެސްޓަރުންނާއެކު ޚާއްސަ ޕެނަލް ޑިސްކަޝަނެއް ވެސް ވަނީ ބާއްވާފައެވެ. އެ ޑިސްކަޝަންގައި ޓޫރިޒަމް މިނިސްޓަރ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް