ތެލެސީމިއާގެ ބަލި ހުންނަ ކުދިންނާއި މީހުންނަށް ލޭ ހޯދުމުގެ ހިދުމަތް ފަސޭހަ ކޮށްދިނުމަށް، މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އިން ހޮޓްލައިނެއް ތައާރަފްކޮށްފިއެވެ.
މިކަން ހާމަކޮށް އެމްބީއެސް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެތަނުން ހިދުމަތް ހޯދުން ލުއިފަސޭހަ ކުރުމަށް ހޮޓްލައިނެއް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އެ ހޮޓްލައިން ނަންބަރަކީ 7333645 ކަމަށް ވެސް ބުނެފައިވެއެވެ.
ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 9:00 އަށް އެމްބީއެސް އިން ހިދުމަތް ދޭއިރު، އެކި ހިދުމަތްތައް އެކި ގަޑިތަކުގައި ދިނުމަށް ހަމަޖެހިފައިވާއިރު، ޑޮކްޓަރަށް ދެއްކުން އޮންނަނީ ހެނދުނު 8:00 އިން ރޭގަނޑު 8:30 އަށެވެ.
ތެލަސީމިއާއަށް ސްކްރީން ކުރުން އޮންނަނީ ހެނދުނު 8:30 އިން މެންދުރު 1:00 އަށެވެ. އަދި ލޭ ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ގަޑިއަކީ ހެނދުނު 8:00 އާއި ރޭގަނޑު 7:45 އާ ދެެމެދުގެ ގަޑިތަކުގައެވެ.
ގިނަ ދުވަސްތަކެއްވުމުގެ ސަބަބުން ހަލާކުވީ ތެލެސީމިއާ ސެންޓަރު، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ އޮރެންޖް ހިޔާއަށް ބަދަލުކުރީ މިއަހަރުގެ މެއި މަހުގައެވެ.
އެތަނުގައި ގާއިމުކޮށްފައިވާ ބައެއް ޔުނިޓުތަކުގެ ތެރޭގައި އެނދުމަތިކޮށް ފަރުވާ ދޭންޖެހޭ އަދި ލޭ އަޅާ ބަލިމީހުންނަށް ޚާއްސަ ޖެނެރަލް ވޯޑެއް ހިމެނެއެވެ. އެ ވޯޑުގައި 12 އެނދު ގާއިމުކޮށްފައިވާއިރު، ތުއްތު ކުދިންނަށް ޚާއްސަ ހަ އެނދުގެ ވޯޑެއް ވެސް ހުރެއެވެ. އަދި އަންހެނުންނަށް ޚާއްސަ ހަތް އެނދުގެ ވޯޑެއް ވެސް ގާއިމުކޮށްފައިވެއެވެ.
މީގެއިތުރުން ބަލިމީހުންނަށް ބޭނުންވާނެ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދޭ ކައުންސެލިން ރޫމެއްވެސް އެ ސެންޓަރުގައި ގާއިމުކޮށްފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް