މާލޭ ގެއެއްގައި ހުއްދަނޫން ގޮތެއްގައި މީހަކު ބަންދުކޮށް އަނިޔާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށް، އޭނާގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ މާލޭ ގެއެއްގެ ތެރޭގައި ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓާފައި އަނިޔާކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ލިބިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަޙުޤީޤުން ކުރި މަސައްކަތުން އެ މީހާ ހުރި ތަން ހޯދައި، މިއަދު އެމީހާ ސަލާމަތްކޮށްފައިވާއިރު، މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ވަނީ ކުށުގެ ވެށިން ހައްޔަރުކޮށްފައެވެ.
މިގޮތުން ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ފޭދޫ، ސުވާސާގެ، އިބްރާހީމް ސައީދު (48 އ) އެވެ.
ފުލުހުން ބުނީ ހިފަހައްޓައިގެން ގެންގުޅެ އަނިޔާކޮށްފައިވާ މީހާ ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި، އެއީ 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް