ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފައިނަލްގައި ކުލަބު އެޗްޑީސީ އާއި ދިވެހި ސިފައިންގެ ކްލަބުން ވާދަކުރި މެޗު ބައްލަވާލެއްވުމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރުގެ އިތުރުން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް އާއި އެ ވުޒާރާގެ އިސްވެރިންވެސް ވަޑައިގެންނެވިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލްގައި 3-2 ސެޓުން އެޗްޑީސީ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ދިވެހި ސިފައިންގެ ކްލަބުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ، 26-24، 23-25، 22-25، 25-20، 15-10 އިންނެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ސެޓަރުގެ މަގާމް ހޯދީ ސިފައިން ކުލަބުގެ ހުސައިން ޝާހިދު އެވެ. މުބާރާތުގެ އެންމެ މޮޅު އައުޓް ސައިޑް އެޓޭކަރުންނަކީ، އިސްމާއިލް ސާޖިދު އަދި އާދަމް ނަސީމްއެވެ. އެންމެ މޮޅު މިޑްލް ބްލޮކަރުންނަކީ، އާދަމް ފައިރޫޒް އަދި އަހުމަދު އަހުސަން އެވެ. އެންމެ ބޮޑު އޮޕަސިޓް ޕްލޭޔަރަކީ ޝަމާއިލް ހުސައިން އެވެ.
އެންމެ މޮޅު ލިބަރޯއަކަށް ހުރާ ކޮމިއުނިޓީ ކްލަބްގެ އަހުމަދު މުޒްލިފް ހޮވުނުއިރު، އެންމެ އުއްމީދީ ކުޅުންތެރިޔަކީ ހުރާ ޓީމްގެ މުޙައްމަދު ސައިފް އަހުމަދުއެވެ. އެންމެ މޮޅު ކޯޗަކީ ސިފައިންގެ ކްލަބްގެ ކޯޗު ޖުނައިދު އަބްދުالله އެވެ.
ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލްކޮށްދެއްވީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. މުބާރާތުގެ ދެވަނަ ހޯދި އެޗްޑީސީ ކުލަބަށް މެޑަލް ހަވާލްކޮށްދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް