ކުޅުދުއްފުށި ސިޓީގެ ޓޫރިޒަމް އެޑްވައިޒަރީ ބޯޑު ރަސްމީކޮށް ރޭ އިފްތިތާޙުކޮށްފިއެވެ.
މިކަން ހާމަކޮށް އެ ކައުންސިލްގެ އިދާރާއިން ބުނީ، ހޯމަ ދުވަހުގެ ރޭ ބޯޑު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބޯޑު މެންބަރުންގެ އިޤްރާރުގައި ސޮއިކުރުމާއި ބޯޑުގެ އިފްތިތާޚީ ބައްދަލުވުން ބާއްވާފައިވާކަމަށާއި މި ބައްދަލުވުމުގައި ބޯޑުގެ ވައިސް ޗެއަރޕަރސަންވެސް ވަނީ އިންތިޚާބުކޮށްފައިކަމަށެވެ.
އެގޮތުން، އެ ބޯޑުގެ ވައިސް ޗެއަރޕަރސަންގެ ގޮތުގައި އިންތިޚާބުވެފައިވަނީ ޢަބްދުއްލަޠީފް މުޙައްމަދު (ބޮންތި، ހ.ދ ކުޅުދުއްފުށި) އެވެ. އެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމު އަދާކުރައްވާނީ ސިޓީގެ ޑެޕިއުޓީ މޭޔަރ ޢަލީ އަޙްމަދެވެ.
އެޑްވައިޒަރީ ބޯޑަކީ އެ ކައުންސިލުން ހިންގާ އެކި ދާއިރާތަކުގެ މަޝްރޫއުތަކާއި ހަރަކާތްތަކުގައި މުޖުތަމައުގެ ބައިވެރިވުން މިހާރަށްވުރެވެސް އިތުރުކޮށް، އެކިދާއިރާތަކުން އިލްމާއި ތަޖުރިބާ ހުރި ފަރާތްތަކުގެ ބަސް ހޯދައިގެން ކައުންސިލްގެ ސިޔާސަތު ކަނޑައެޅުމަށްޓަކައި ކައުންސިލުން އެކުލަވާލަން ނިންމާފައިވާ ވޮލެންޓިއަރ އެޑްވައިޒަރީ ބޯޑުތަކުގެ ތެރެއިން އެންމެ ފުރަތަމަ އެކުލަވާލި ބޯޑު ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.
ޓޫރިޒަމް އެޑްވައިޒަރީ ބޯޑު އެކުލަވާލުމުގެ މަޤުޞަދަކީ ކައުންސިލްގެ މަސައްކަތުތާވަލުގައި ލޯކަލް ޓުއަރިޒަމްގެ ސިނާއަތް ކުޅުދުއްފުއްޓަށް ގެނައުމަށް ރަށުފެންވަރުގައި ކުރަންރާވަފައިވާ މުހިންމު މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ބޭނުންވާ ލަފާ ހޯދުމާއި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އޮޕަރޭޝަނަށް އަންނަންވާއިރަށް ކުޅުދުއްފުށި އެކަމަށް ތައްޔާރުވެ، ރަށުގެ ރައްޔިތުންނަށް މި ސިނާއަތުގެ މަންފާ ލިބޭނޭގޮތްތައް ހޯދާ އެކަމަށް މަގުފަހިކުރުން ކަމުގައިވެސް ކައުންސިލުން ވަނީ ބުނެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް