ފޮރިން އިންވެސްޓްމެންޓް ޤާނޫނު އިސްލާހުކޮށް، ޚާއްސަ އިޤުތިޞާދީ ސަރަހައްދު ތަރައްޤީކުރަމުންދާއިރު، ރާއްޖޭގައި ކާމިޔާބު އިންވެސްޓްމެންޓްތަކެއް ކުރެވޭނެކަމުގެ ޔަޤީންކަން މިހާރު އިތުރުވެފައިވާކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ސިންގަޕޫރު-ރާއްޖެ ބިޒްނަސް ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، ރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތީ ތާރީޚީ ގުޅުމެއް ކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖެ މިނިވަންވިތާ 10 އަހަރު ފަހުން ސިންގަޕޫރާއެކު ގުޅުން ޤާއިމުކުރިއިރު، އދ.ގެ މެންބަރުކަން 2 ޤައުމަށްވެސް ލިބުނީ އެއް ދުވަހެއްގައިކަމަށާއި ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއިން ގިނަ ދާއިރާތަކަކުން ކުރިއެރުން ހޯދާފައިވާ ކަމަށެވެ.
ހަމައެއާއެކު، ވިޔަފާރިއާއި އޭވިއޭޝަނާއި ފަތުރުވެރިކަމާއި ލޮޖިސްޓިކްސްއާއި އިޢާދަކުރަނިވި ހަކަތަ ޤާއިމުކުރުމާއި ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުން ފަދަ ދާއިރާތަކުން ރާއްޖޭގައި ކާމިޔާބު އިންވެސްޓްމެންޓްތަކެއް ކުރެވިދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އިންވެސްޓަރުންނަށް މިހާރު ރާއްޖޭގައި ފަހިކޮށްދީފައިވާ ފުރުޞަތުތައްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"އެކި އިންވެސްޓްމެންޓްތަކަށް ފުރުޞަތުތައް ފަހިކުރުމަށް ރާއްޖޭގެ ޚާއްސަ އިޤުތިޞާދީ ސަރަހައްދުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް. އެ ތަނުގައި ބިނާރާއި ޑޭޓާ ލޯކަލައިޒޭޝަންއާއި ނޫ އިޤުތިޞާދާ ގުޅުންހުރި އެކި މަޝްރޫޢުތައް ކުރިއަށްގެންދެވޭނެ. އަދި އިންވެސްޓަރުންނަށް ފަހިކުރުމަށް ޤާނޫނީ އޮނިގަނޑުތައްވެސް މިހާރު ވަނީ އެކުލަވާލާފައި." ވަޒީރު ވިދާޅުވިއެވެ.
ސިންގަޕޫރާއި ރާއްޖޭގެ ގުޅުމަށް 50 އަހަރު ފުރިފައިވާއިރު، ކުރިއަށް އޮތް 50 އަހަރު އިޤުތިޞާދީ ކުރިއެރުން ހޯދުމަށް 2 ޤައުމުން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އިންވެސްޓަރުންނަށް ރާއްޖެ ހުޅުވާލުމަށްޓަކައި ސަރުކާރަށް މިވީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއްކުރައްވާފައިވެއެވެ. އެ ގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ 45 އަހަރަށްފަހު ފޮރިން އިންވެސްޓްމެންޓް ޤާނޫނަށް ބަދަލު ގެނައުމެވެ. އަލަށް ގެނައި އިސްލާޙުތަކާއެކު އިންވެސްޓްކުރެވޭނެ ދާއިރާތަކާއި ހަރުދަނާ އުޞޫލުތަކެއް ކަނޑައެޅި، އިންވެސްޓަރުންނަށް ޙިމާޔަތާއި ރައްކާތެރިކަން ވަނީ ފޯރުކޮށްދީފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް